ޚަބަރު
އިންފޮމޭޝަން އޮފިސަރުންނަށް، ޤާނޫނަށް އަހުލުވެރި މީހުން ޢައްޔަނުކުރުމަށް ޕީ.ސީ.ބީ. އިން އަންގައިފި
ޕީސީބީ/ފޮޓޯ: ބްރޭކިންގ އެމްވީ
ސަރުކާރުގެ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ޢައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަށް، ޤާނޫނަށް އަހުލުވެރި މީހުން ޢައްޔަނުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން އަންގައިފިއެވެ.
ޕީސީބީ އިން ނެރުއްވި ސަރކިއުލާއެއްގައި ވިދާޅުވީ، މިއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ހާމަކަންބޮޑު ގޮތެއްގައި އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ފުރިހަމައަށް ތަންފީޒުކުރުމަށް ކުންފުނިތަކަށް ބާރުއެޅުމަށް ޕިސީބީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތަކަށް އެންގި އެންގުމެއް ކަމަށެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަން، ސަބްސިޑިއަރީ ކުންފުނިތައް ވެސް ހިމެނޭގޮތަށް ކުންފުނީގެ ފަރާތުން ޢާންމުންނާއި މީޑިއާ ތަކަށް މަޢުލޫމާތު ދިނުމާއި، ކުންފުންޏާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، މަޢުލޫމާތު ދިނުމުގެ ކަންކަން ބެލެހެއްޓުމަށް އިންފޮމޭޝަން އޮފިސަރު އައްޔަންކުރުމަށް އަންގާ ކަމަށެވެ.
ހަމަ އެހެންމެ، ކުންފުނިތަކުގައި މިހާރުވެސް އިންފޯމޭޝަން އޮފިސަރުންގެ ޒިންމާއަދާކުރާ ފަރާތްތަކާއި އަދި އަލަށް ޢައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަކީ ޤާނޫނީ ދާއިރާގެ ތަޖުރިބާ ހުރި ނުވަތަ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި އަދި އެ ޤާނޫނާއި ގުޅޭ އެންމެހާ އުޞޫލުތައް ރަނގަޅަށް ދަންނަ ފަރާތަކަށްވުން މުހިންމުކަމަށް އެ ސަރކިއުލާގައި ވެއެވެ. އަދި ޢައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންނަށް ވަކި ސްޓާފް އީމެއިލް އެޑްރެހެއްގެ ބަދަލުގައި، ޢާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، އިންފޮމޭޝަން އޮފިސަރުން ބަދަލުވާ ހާލަތުގައިވެސް ކުންފުންޏަށް ހުށަހެޅޭ ހުރިހާ RTI ރިކުއެސްޓްތަކާއި ގުޅޭ މަޢުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަށް، އިންފޮމޭޝަން އޮފިސަރުންނަށް އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް ޕީ.ސީ.ބީ އިން ވަނީ އެދިފައެވެ. ހަމަ އެއާއެކު، ކުންފުނިން ޢައްޔަނުކޮށްފައިވާ އިންފޮމޭޝަން އޮފިސަރުގެ މައުލޫމާތު، ނަން، ގުޅޭނެ ނަންބަރު، RTI ރިކުއެސްޓް ފޮނުވާނެ އީމެއިލް އެޑްރެސް، ޢާންމުންނަށް ފަސޭހައިން ފެންނާނެގޮތަށް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައި ހުންނަންވާނެ ކަމަށް ޕީސިބީ އިން ވިދާޅުވިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، އެ ބޯޑުގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން، މި ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން ޢަމަލުކުރުމަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމުކަމެއް ކަމަށެވެ.