ޚަބަރު
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި
ޚިދުމަތް ދޭން ފެށުން/ފޮޓޯ: ޑީއެންއާރު
ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފިއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައި.ޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެ ޤައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ. ދިވެހީން ޢާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ޚިދުމަތް ލިބޭ 2 ވަނަ ޤައުމެވެ.
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކަށް ވީއިރު، ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނަސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ. ހަމަ މިއާއެކު، އިނގިރޭސިވިލާތުގައި ވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.