ޚަބަރު
އެސްއޯއީތަކުގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ހަރުދަނާ ކުރަން އަންގައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފީސް
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް އަންގާފައެވެ.
މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާއި ގުޅޭގޮތުން ބޭއްވި ޕީ.ސީ.ބީގެ 30 ވަނަ ޖަލްސާގައެވެ.
ޕީ.ސީ.ބީގެ ބޯޑުން ވަނީ ކުންފުނިތަކުގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށް އަންގާފައެވެ. މި ފަންކްޝަން ގާއިމުކުރަންޖެހެނީ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައެވެ. އަދި އެގޮތަށް އެކުލަވާލެވިފައިނުވާނަމަ، ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ ޢަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދައި، އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ. މީގެ އިތުރުން، މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައި، މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށްވެސް ވަނީ އަންގާފައެވެ. މިއީ މި ދެމަޤާމުގެ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ކަމެކެވެ.
ކުންފުނިތަކުން ކުއާޓާރލީ ފައިނޭންޝަލް ރިޕޯޓާއި، އެއާއި ގުޅޭ ލިޔެކިޔުންތައް ޕީސީބީއަށް ހިއްސާކުރާއިރު، އެ ރިޕޯޓްތައް ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ. އަދި ޕްރިކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް، ކުންފުނީގެ ފަރާތުން އިންޓަރނަލް އޮޑިޓަށް ޕްރިކިއުމަންޓް ރިޕޯޓް ގަވައިދުން ހިއްސާކުރުމަށްވެސް ވަނީ އެންގުމަށް ނިންމާފައެވެ.
ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ޤަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް، ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން 'އޮޑިޓް އަދި ރިސްކް ކޮމިޓީ'ގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ. އަދި މި ބަދަލު ގެނެސްފައިނުވާނަމަ ވީ އެންމެ އަވަހަކަށް އެކަން ކުރިއަށް ގެންދިއުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ޕީސީބީގެ ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާ މިންވަރު ދެނެގަތުމަށް، ކުންފުނީގެ އިންޓާރނަލް އޮޑިޓުން މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި، ކަމާބެހޭ ބޯޑުގެ ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. މި އޮޑިޓްގެ މަޤުސަދަކީ އިސްލާހުކުރަންޖެހޭ ކަންތައްތައް ހިމަނައިގެން، ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ގާއިމުކުރުމެވެ.
ޕީ.ސީ.ބީގެ މި އެންގުންތަކުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް 31 ޖަނަވަރީ 2026 ގެ ކުރިން ނިންމުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގާފައެވެ.