ޚަބަރު
21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް އިފްތިތާޙުކޮށްފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު / ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
ފަރުދުން
18 ޑިސެމްބަރު 2025، 09:04
18 ޑިސެމްބަރު 2025، 09:04
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން، ޒަމާނީ ހުނަރުތައް ތަރައްޤީ ކުރުމުގެ އިސްތިރާޖުތައް އިފްތިތާޙުކޮށްފިއެވެ.
މި ޕްލޭން އިފްތިތާޙުކޮށްދެއްވީ، އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއަޔާތެއްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި، 21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް ކަނޑައަޅައަޅައި، އިފްތިތާޙްކުރުމުގެ ބޭނުމަކީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ ކޮންމެ ޕްރޮގްރާމެއްގެ ތެރެއިންވެސް، މަސައްކަތުގެ މާހައުލަށް ދަރިވަރުން ނިކުންނައިރު ކޮންމެހެން ބޭނުންވާ ހުނަރުތައް މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިއުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ހަމައެކަނި ޢިލްމާ ގުޅޭ އެއްޗެއް ނޫންކަމަށާއި، އެއީ އެއީ އެކި ކަހަލަ މަސައްކަތްތައް ކުރާއިރު ކުރިމަތިވާ މައްސަލަތައް ވެސް ޙައްލުކޮށްދިނުމަށް އެހީވެދޭނެ ކަމެއްކަމުގައެވެ.
"ތަޢުލީމަކީ ހަމައެކަނި ޢިލްމާއި ގުޅޭ އެއްޗެއް ނޫނެވެ. އެއީ އެކި ކަހަލަ މަސައްކަތްތައް ކުރާއިރު ކުރިމަތިވާ ހާލަތްތަކުގައި ލިބިފައިވާ ހުނަރެއްގެ ބޭނުން ހިފައި، އެ މައްސަލައެއް ހައްލުކުރަން އެނގުން. މިއަދު އިފްތިތާހްކުރެވިގެންމިދިޔަ ސްޓްރެޓެޖީ ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ." ވަޒީރު ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ، ހުނަރުތައް ތަރައްޤީކުރުމުގެ އިސްތިރާޖުތައް ކަނޑައަޅައި އިފްތިތާހްކުރުމުގެ މަސައްކަތަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުން އަންނަ މަސައްކަތެއްކަމުގައެވެ.
މަސައްކަތުގެ މާހައުލަށް ބޭނުންވާނެ ހުނަރުތައް ރާއްޖޭގައިވެސް ތަންފީޒުކޮށް ކުރިއަށްގެންގެންދެވޭނެ ކަންތައްތައް ކަނޑައަޅައި، ކަރިކިއުލަމްގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިއުމަށް މި އިސްތިރާޖުގެ ތެރެއިން ހަމަޖެހިފައިވެއެވެ. ހަމައެއާއެކު، އެކި ކަހަލަ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވޭއިރު، މަސައްކަތުގެ މާހައުލަށް ކޮންމެހެން ބޭނުންވާނެ މުހިންމު ހުނަރުތައް ހިމަނައިގެން ކުރިއަށްގެންދިއުމަށް މި އިސްތިރތާޖުގެ ތެރެއިން ހަމަޖެހިފައިވެއެވެ.