ޚަބަރު
ޖަމިއްޔާތަކަށް އެންޖީއޯ ވޯކިންގ ސްޕޭސްތައް ހިލޭ ބޭނުންކުރެވޭނެ: ވަޒީރު
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު
މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ ޙިލޭ ދޫކުރާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މި ޖާގަތަކަށް ނަންދެވިފައިވަނީ "އެންޖީއޯ ވޯކިންގ ސްޕޭސް" ގެ ނަމުންނެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި މަދަނީ ޖަމިއްޔާތަކުން އެ ވުޒާރާއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާ ގުޅޭ ކަންބޮޑުވުންތަކެވެ. މިކަމަށް ޙައްލެއް ހޯދައިދިނުމަށްޓަކައި، ޒުވާނުންގެ ވެހީގެ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަދަނީ ޖަމިއްޔާތަކަށް ހާއްސަކުރެވިފައިވާ ދެ ކޮޓަރިއެއް ހުންނާނެއެވެ. މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ހާއްސަ ތަމްރީނު ހޯލެއްވެސް މިތަނުގައި ހިމެނެއެވެ.
މަދަނީ ޖަމިއްޔާތަކަށް ބައްދަލުވުންތަކާއި، މަސައްކަތްކުރުމަށް ޖާގައެއް ނެތުމުން ދިމާވާ ދަތިތައް މި ޖާގަ މެދުވެރިކޮށް ޙައްލުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަމިއްޔާތަކުން މި ޖާގަ ބޭނުންކުރުމުގައި އެއްވެސް އަގެއް ނުނަގާނެކަމަށާއި، ނަމަވެސް މަދަނީ ޖަމިއްޔާތަކުން ބޭނުން ނުކުރާ ވަގުތުތަކުގައި އެހެން ފަރާތްތަކުން ބޭނުންކުރާނަމަ އަގެއް ނެގިދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކަށް ހިލޭ ޖާގަ ދޫކުރުމުގެ އުޞޫލެއް މިހާރު ހަދާފައިވާ ކަމަށާއި، އެ އުޞޫލު ވަރަށް އަވަހަށް އާންމުކުރެވޭނެ ކަމަށެވެ. އެ އުޞޫލުގައި އޮންނާނީ ޤަވައިދުން ރަޖިސްޓްރީކޮށްގެން ހިންގާ، ޑޮކިއުމަންޓްތައް ހަމަ، ދަފްތަރުގައި ޖެހިފައިވާ ޖަމިއްޔާތަކަށް މި ޚާއްސަ ކޮޓަރިތައް ހިލޭ ދޫކުރުމަށެވެ.
ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، "ވަރަށް ގިނަ ޖަމިއްޔާތަކުން މަސައްކަތް ކުރޭ، ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާ ނަމަވެސް އުޞޫލަށް ވަނުމުގައި ޑޮކިއުމަންޓްތައް ހަމަކުރުމުގައި ކޮންމެވެސް ދައްޗެއް އުޅޭ. އެކަމަށްވެސް ބާރެއް އެލުމުގެ ގޮތުން މިތަންތަން ޤަވައިދުން ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހިލޭ ދިނުމަށް ނިންމީ." ކަމަށެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ސިވިލް ސޮސައިޓީ އެވޯޑާ ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ. މިއަހަރު 7 ޖަމިއްޔާއަކަށް އެވޯޑު ލިބުނު ނަމަވެސް، 2026 ވަނަ އަހަރުގެ އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް، ގިނަ ޖަމިއްޔާތަކެއްގެ އަގު ވަޒަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި އެވޯޑުގެ ސަބަބުން މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރަށް ހަރުދަނާވެ ޤައުމީ ތަރައްޤީގައި އެފަރާތްތަކުގެ ދައުރު ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 15 ޖަމިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ނަމަވެސް، އެކަށީގެންވާ ގޮތުގައި އެކި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައި ނުވާކަމަށެވެ. އެކި ސަބަބުތަކާ ހުރެ ބައެއް ޖަމިއްޔާތައް މަޑުޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.