ޚަބަރު
ހޮޅުދޫގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތް، "ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް" މާދަމާ ފަށަނީ!
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް
ފަރުދުން
18 ޑިސެމްބަރު 2025، 01:13
18 ޑިސެމްބަރު 2025، 01:13
ނ.ހޮޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް" މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ބެޓަރ އެންވަޔަރަމަންޓް ފޯރ ޔޫތް ސޮސައިޓީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހޮޅުދޫ ރަންތަރި ޤުރުޢާން މުބާރަތަކީ، އާންމުކޮށް އަތޮޅުތެރެއިގައި ބާއްވާ ގިނަ މުބާރާތްތަކާއި ތަފާތުކޮށް އިންތިޒާމް ކޮށްފައިވާ މުބާރާތެކެވެ. އޮޑިޝަނަކަށް ހުޅުވާލައިގެން ނެގުނު ޖުމްލަ 16 ބައިވެރިންނާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި، ބައިވެރިންނަށް ވަނީ ރާއްޖޭގެ އެންމެ ފުންނާބުއުސް ޤާރީންގެ އިރުޝާދުގެ ދަށުން 2 މަސް ދުވަހުގެ މުއްދަތައް ޓްރެއިނިންގ ޕްރޮގްރާމްއެއް ކުރިއަށް ގެންގޮސްފައެވެ.
އަގު ހުރި އިނާމު ތަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ބައިވެރިން ހޮވާ، އެބައިވެރިންނަށް މަރުޚަބާ ކިޔުމަށް ޚާއްޞަ ޙަފްލާއެއްވެސް ބާއްވާފައިވެއެވެ. 4 ބުރެއްގައި ދަރިވަރުން ވާދަކޮށް ކޮންމެ ބުރެއްގައި ވެސް 3 ދަރިވަރަކު މުބަރާތާއި އަލްވަދާއުކިޔަން ޖެހޭގޮތައް ތަރުތީބު ކުރެވިފައިވާ މި މުބަރާތުގައި ފައިނަލް ރައުންޑްގައި ވާދަކުރާނީ 4 ބައިވެރިއެކެވެ. މި ހަތަރު ބައިވެރިންގެ ތެރެއިން ހޮޅުދޫ ރަންތަރި ހޮވިގެންދާނެވެ. ކޮންމެ ދަރިވަރަކުވެސް ޙަދުރުކޮށް އަދި ބައްޔަތީ ރާގަށް ތިލާވާ ކުރަންޖެހޭ މި މުބަރާތުގައި ކީރިތި ޤުރުޢާން ގެ ދެފޮތް ހިފްޒުކޮށް ކިޔަވަންޖެހެއެވެ. އަދި ރަންތަރީގެ މަޤާމައް ހޮވިގެންދާނީ މިދެންނެވި ބައިތަކުގެ އިތުރުން، ތަޖްވިދާ ޢުލޫމުލް ޤުރުޢާންގެ ސުވާލުތަކަށްވެސް އެންމެ ފުރިހަމައަށް ޖަވާބުދެވޭ ބައިވެރިއެކެވެ.
މި މުބާރާތުގެ ސްޕޮންސަރ ތަކަށް ބަލާއިރު ޤިބްލަ ޙައްޖު އެން އުމްރާގެ ފަރާތުން ހުށަހަޅާފައިވާ އުމްރާދަތުރަކާއި، ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ އަދި ކޭޓަރިން ޕާރޓްނަރަކަށް ކޯރި ގާރޑަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މުބާރާތުގެ ޓްރެވަލް ޕާޓުނަރ އަކަށް ލީޖަން ޓްރަވަލްސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ހޮޅުދޫ ކައުންސިލާއި، ތޫ ޓެއިލަރސްގެ އިތުރުން ގިނަ ސްޕޮންސަރތަކެއް ވަނީ މި މުބާރާތަށް ހަމަޖެހިފައެވެ.
ހޮޅުދޫއަށް ނިސްބަތްވާ "ބެޓަރ އެންވަޔަރޮމެންޓު ފޯރ ޔޫތު ސޮސިއެޓީ" (ބޭސް) ޖަމްޢިއްޔާއިން ކުރިއަށްގެންދާ މި މުބާރާތަކީ ހޮޅުދޫ ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ރީތިކޮށް ޤުރުއާން ކިޔަވާކުދިން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.