Ads by Stelco

ޚަބަރު

ރަސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު: ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުން ކުރިއަށް

ރަސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު: ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުން ކުރިއަށް

ރަސްދޫ ބަނދަރު ތަރައްޤީކުރުމުގެ ތެރެއިން.

farudhun logo

ފަރުދުން

18 ޑިސެމްބަރު 2025، 03:24

18 ޑިސެމްބަރު 2025، 03:24

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ބަނދަރުގެ ބޭރުތޮށިލުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށީގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، މަޝްރޫޢާ ޙަވާލުވެގެންވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީ.އިން ބުނީ، މިހާރު ގޮނޑުދޮށަށް ފަސްއަޅައި، ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • 106،552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން
  • 106 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 224 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • 1.656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން
  • ކޮންކްރީޓް ދެ ބްރިޖް ހެދުން
  • 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން

މި ކަންކަމުގެ އިތުރުން، ރޭމްޕެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ވެއެވެ.

މި މަޝްރޫޢަކީ 80.44 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ގާތްގަނޑަކަށް 1،300 މީހުންގެ އާބާދީއެއް އޮންނަ ރަސްދުއަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ރަށެކެވެ. އެހެނަސް، މި ރަށުގެ ބަނދަރު ކުޑަ ކަމުން، އަރާފައިބާ މީހުންނަށް އޮންނަނީ ތަކުލީފަކަށް ވެފައެވެ. ވީމާ، މި މަޝްރޫޢު ނިމުމުން، އަރާފޭބުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ލުޔެއް ލިބި، ރަށަށް އިތުރު ތަރައްޤީ ލިބިގެންދާނެއެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމުން، ރަށްގިރުމުގެ މައްސަލައަށް ވެސް ދެމިގެންދާ ޙައްލެއް ލިބޭނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން