Ads by Stelco

ޚަބަރު

ރާއްޖެއަށް 2 ކިލޯ މަސްތުވާތަކެތި ގެނައި އަންހެން މީހަކު 18 އަހަރަށް ޖަލަށް

ރާއްޖެއަށް 2 ކިލޯ މަސްތުވާތަކެތި ގެނައި އަންހެން މީހަކު 18 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު.

farudhun logo

ފަރުދުން

18 ޑިސެމްބަރު 2025، 07:05

18 ޑިސެމްބަރު 2025، 07:05

ފެޑް-އެކްސް މެދުވެރިކޮށް ރާއްޖެއަށް ގެނައި 1983.7 ގްރާމު (ގާތްގަނޑަކަށް 2 ކިލޯ) މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ ޙަވާލުވާން ދިޔަ އަންހެން މީހަކަށް 18 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އަދު އިއްވަފިއިއެވެ.

16 ސެޕްޓެންބަރު 2023ގައި ފެޑް-އެކްސް މެދުވެރިކޮށް ރާއްޖެ ގެނައި ފޮށިގަނޑެއްގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން، އެ ފޮށިގަނޑު އެކްސްރޭ ކުރުމަށް ފަހު ފޮށިގަނޑުގެ ހަތަރު އަރިމަތިން ފެނުނު ހުދު ކުލައިގެ ފުށެއް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ.އަށް ވަނީ ޕޮސިޓިވްވެފައެވެ.

އެ ފޮށިގަނޑު ބަލައި އައީ، އަޒްމާ ޝަރީފް (ކަށިކެޔޮމާގެ، ގއ. ކަނޑުހުޅުދޫ) އެވެ. މި މައްސަލާގައި ނިޔާ ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ އާދަމެއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، އަޒްމާ ވަނީ ދައުލަތުން ކުރި ދަޢުވާއަށް އިންކާރު ކޮށްފައެވެ. އެއީ، ފޮށިގަނޑުގައި ޤާނޫނާ ޚިލާފު އެއްވެސް އެއްޗެއް ހުރި ކަމަށް ނޭނގޭތީ އާއި، ފޮށިގަނޑަކީ އޭނާގެ އެއްޗެއް ކަމަށް ނުވާތީ އާއި، އެއީ އެހެން މީހަކު ބުނެގެން ބަލައިދިޔަ ފޮށިގަނޑަކަށް ވާތީ ކަމަށް އަޒްމާގެ ދިފާޢީ ވަކީލު ބުނެފައިވެއެވެ.

ދައުލަތުގެ ތުހުމަތުތަކުން ބަރީއަވުމަށް އަޒްްމާ ޝަރީފް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރި ކަން އޭނާއަށް ނޭނގޭ ކަމަށް ބުނާ ބުނުމަކީ ދޮގު ބުނުމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ ފޮށިގަނޑާ ޙަވާލުވި ކަމަށް ޝަރީޢަތުގައި އޭނާ އިންކާރުކޮށްފައެއް ނުވެއެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ ޙުކުމެވެ. ބަންދުގައި ހޭދަކުރި މުއްދަތު ނިމުމުން، އޭނާ ތަންފީޒުކުރަން ޖެހެނީ 15 އަހަރާއި 9 މަހާއި 3 ދުވަހުގެ ޙުކުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން