ޚަބަރު
ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ޚާއްޞަ ސެމިނަރއެއް ކުރިއަށްދަނީ
ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ޚާއްސަ ސެމިނާ ކުރިއަށްދަނީ
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން (އެން.ސީ.އެޗް.އާރް) ހިންގާ ސިގްނޭޗަރ ރިސަރޗް ސްކޮލާޝިޕްގެ ބައިވެރިންނަށް ޚާއްސަކޮށްގެން، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ދެ ދުވަހުގެ ސެމިނާގެ ދެވަނަ ވޯކްޝޮޕް ފަށައިފިއެވެ.
މި ސެމިނާގެ ދެވަނަ ބައި މިއަދު ކުރިއަށްދާއިރު، ފުރަތަމަ ބައި ކުރިއަށް ގެންދެވުނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވީ ހޮނިހިރު ދުވަހުއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ސެމިނާ ވޯކްޝޮޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގ ޔުނިވަރސިޓީ އަދި އޮސްޓްރޭލިއާގެ އާރ.އެމް.އައި.ޓީ ގުޅިގެން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ސެމިނާރުގައި މަޢުލޫމާތު ދެއްވަނީ ބޭރުގެ މި ދެ ޔުނިވަރސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.
މި ޚާއްސަ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ "2.0"ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒޭޝަނަށް މަގުފަހިކުރުމަށް ޓަކައި ހިންގޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. ސަރުކާރުގެ މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ތަރިކައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއްކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
މި ސެމިނާރުގެ މައިގަނޑު މަޤްސަދަކީ، ސްކޮލާޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބިގެންދިއުމަށް މަގުފަހިވާނެކަމަށް ޤަބޫލުކުރެވެއެވެ.