ޚަބަރު
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
ޒަކާތް ބަލައިގަންނަނީ
ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސް، އާ ނިޞާބެއް ކަނޑައަޅައިފިއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރެއްވި ގޮތުގައި، މިމަހުގެ 21 އިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،527.90ރ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެކުރިން، މިދިޔަ އޮގަސްޓު މަހު މުދަލު ޒަކާތުގެ ނިޞާބު ހުރީ 11,191.95 ރުފިޔާގައެވެ. މި ބަދަލު އައިސްފައިވަނީ ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށް ވާތީ، ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. ރިހީގެ އަގަށް ބަދަލު އައުމުން، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ. މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 32.82 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 2،149.39 ރުފިޔާއަށެވެ.
ނިޞާބު ކަނޑައެޅުން: 21 ޑިސެމްބަރު 2025 ( 01 رَجَبُ 1447ހ.)https://t.co/6pcKLQicVh#zakat #zakathousemv #maldiveszakathouse pic.twitter.com/50CgrAoGeE
— Maldives Zakat House (@ZakatHouseMv) December 21, 2025
މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.