ޚަބަރު
ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މެޓް އޮފީހުގެ އައު އިމާރާތެއް އެޅުމަށް ވެމްކޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓްމޯ އޮފީސް) ގެ އާއައު އިމާރާތެއް އެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މޫސުމާ ބެހޭ ޤައުމީ އިދާރާ އަށް ޚާއްޞަ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވަނީ ވެމްކޯއާ ހަވާލުކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައި އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ކުރިން އަންގަންޖެހޭ ކަންކަމުގެ ނިޒާމު (އަރލީ ވަރނިންގ ފްރޭމްވޯކް) އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމު ބަޔެކެވެ. މިއީ މޫސުމީ މަޢުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މަޢުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށްވީއިރު، މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާ ބެހޭ މަޢުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
ރާއްޖެއަކީ، ދުރާލާ ކާރިސާތާކަށް ތައްޔާރުވެ، ދިމާވެދާނެ ކާރިސާއަކުން އަރައިގަތުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.