ޚަބަރު
ފޭސް 3 ހިއްކަނީ ކުނި އަޅައިގެނެއް ނޫން، މިތަނަށް މިއަޅަނީ ސީއެންޑީ: އެމްޑީ ޒުހައިރު
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު
ފަރުދުން
24 ޑިސެމްބަރު 2025، 06:53
24 ޑިސެމްބަރު 2025، 06:53
ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ، ފޭސް3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށާއި، އެތަން ހިއްކަމުން ދަނީ ސީއެންޑީ އަޅައިގެންކަމަށެވެ. އެއާއެކު ސީއެންޑީ އަޅަނީ ވަރަށް ބޮޑަށް ބަލާ، ވަކިކޮށްގެންކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
އެޗްޑީސީން މިތަން ހިއްކަމުން މިގެންދަނީ ކުނިއަޅައިގެންނެއްނޫން.އޭގެ ބަދަލުގަ މިތަނުގަ މިއަޅަނީ ސީއެންޑީ. ސީއެންޑީ މިކޮޅަށް ގެނެސް، ސެގްރިގޭޓް ކޮށްފަ އަދި އެޅުމުގެ ކުރިން އަޅުގަނޑުމެން ސެގްރިގޭޓް ކޮށްފަ މަސައްކަތް މިކުރަނީ.
އެމްޑީ ޒުހައިރު ވިދާޅުވިއެވެ.
ސީއެންޑީއަކީ ގާކުނޑި އަދި އިމާރާތްކުރުމުގައި އުފެދޭ ބަރު ކުންޏެވެ. މިއީ ތިމާވެއްޓަށްވެސް ގެއްލުން ނުވާނެފަދަގޮތަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. އެޗްޑީސީން ވިދާޅުވީ މި މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށްވެސް މިކަން ހިއްސާކޮށްފައިވާނެކަމުގައެވެ. ހުޅުމާލޭގައި ކުރިއަށްދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ކުނި އަޅައިގެން ތަންތަން ހިއްކުމަކީ ސަރުކާރުން އެކަން ކުރާގޮތެއް ނޫންކަމަށެވެ. މި މަސައްކަތްތައް މިކުރަނީ އިންޓަނޭޝަނަލް ކޮންޓްރެކްޓަރުންކަމަށާއި އެމީހުންނަށް އެ މަސައްކަތް ހަވާލުކުރަނީ އީއައިއޭ ހަދައިގެންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ.
އެމްޑީ ޒުހައިރު ވިދާޅުވީ ސީއެންޑީ އަޅައިގެން މަސައްކަތް ކުރިއަށް ގެންގޮސްފައިވީ ކަމުގައި ވިޔަސް މިހާރު އެމަސައްކަތްވަނީ އެއްކޮށް މެދުކަނޑާލާފަ ކަމުގައެވެ.