ޚަބަރު
ވިލިމާލޭ ހޮސްޕިޓަލް އެޅުމަށްޓަކައި ޗައިނާގެ ފަންނީ ޓީމެއް ޕްރޮޖެކްޓު ސައިޓަށް ޒިޔާރަތްކޮށްފި
ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ވިލިމާލެ ހޮސްޕިޓަލް ޕްރޮޖެކްޓުގެ ޑިޒައިން މަރުހަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއި، ޗައިނާގެ އެމްބަސީގެ އިތުރުން، ޕްރޮޖެކްޓާއި ހަވާލުވެފައިވާ ކުންފުނީގެ ޓެކްނިކަލް ޓީމާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
ޗައިނާ ސަރުކާރުގެ އެހީތެރިކަން މެދުވެރިކޮށް ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ މި ހޮސްޕިޓަލްގެ މަސައްކަތްތައް ހަވާލުވެފައި ވަނީ ޗައިނާގެ ނޯތް އީސްޓް އާކްޓިޓެކްޗަރަލް ޑިޒައިން އެންޑް ރީސާޗް އިންސްޓިޓިއުޓް ލިމިޓެޑާއެވެ. އެ އިންސްޓިޓިއުޓްގެ ފަރާތުން މި މަހުގެ 18 ވަނަ ދުވަހުގައި ރާއްޖެއަށް ޕްރޮޖެކްޓު މެނޭޖުމެންޓު ކޮންސަލްޓަން ޓީމެއް އައިސްފައިވާއިރު، ރާއްޖޭގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތިބުމަށް ވަނީ ކަނޑައަޅާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ޓީމުގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ޖިއޮލޮޖިކަލް ދިރާސާތައް ކުރިއަށް ގެންދިއުމާއި މަޞްލަޙަތު ހިމެނޭ ފަރާތްތަކާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުން އަދި ޑިޒައިން ފޭޒްގެ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުޙައްމަދު ޗައިނާގެ ޓީމާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންދަވާފައިވާއިރު، މި ބައްދަލުވުމުގައި ޗައިނާގެ އެމްބަސީގެ ފަރާތުން ކައުންސިލަރު ޒޭންގް ޒޫވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ނިންމާލުމަށްފަހު ޗައިނާގެ ފަރާތުން ޕްރޮޖެކްޓާއި ހަވާލުވެފައިވާ ޓީމާއި ވުޒާރާފެގެ ފަންނީ ބޭފުޅުން ވަނީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ސައިޓަށް ޒިޔާރަތްކޮށްފައެވެ.