ޚަބަރު
ބަންކަރިން ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައި!
ބަންކަރިންގެ ޚިދުމަތް ފޮޓޯ:ކޯޕަރޭޓް މޯލްޑީވްސް
ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި މިދިޔަ އަހަރު ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު މަސައްކަތެއްގެ ގޮތުގައި މި ސަރުކާރުން ފެށި ބަންކަރިން ޚިދުމަތަކީ، އޮފްޝޯކޮށް އެކަމަށް ޚާއްޞަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދެމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށި އިރު، ބައިނަލްއަޤްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުގައެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
ވަޒީރު ސަޢީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، އޮކްޓޯބަރ މަހުގެ 28 އާއި ހަމައަށް ބަންކަރިންގެ ޚިދުމަތުން 192 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެއިރު ހާމަކޮށްފައިވެއެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 17 މިލިޔަން ރުފިޔާގެ އާމްދަނީއެވެ. ނަމަވެސް މިއަދު މިވާހަކަ ދައްކާއިރު، މި ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓެކްސްގެ ގޮތުގައި 24 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
މިއަދު މިވާހަކަ ދައްކާއިރު 282،105،591 ރުފިޔާ. އެއީ، ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާގެ ބޮޑުވުމެއް އަނެއްކާވެސް. ޓެކްސްގެ ގޮތުގައި 24 މިލިޔަން ރުފިޔާ. އެއީ، ގާތްގަނޑަކަށް 8 މިލިޔަން ރުފިޔާގެ އިތުރުވުމެއް. މީގަ އެންމެ ހިތްހަމަޖެހޭ ކަމަކީ، %76 އަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ބަންކަރ ކުރާ އެއްޗެހި. މިއީ މި ސަރުކާރުގައި ފެށިގެން ދިޔަ ވަރަށް މުހިންމު މަޝްރޫއެއް.
ވަޒީރު ސަޢީދު
ބަންކަރިންގެ ޚިދުމަތަކީ މި ސަރުކާރުން ފެށި ވަރަށް ކާމިޔާބު މަޝްރޫއެއް ކަމަށާއި، މި މަޝްރޫޢުގެ މުސްތަޤުބަލު އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ފެށި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ، މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރުގެ ޖީޑީޕީއަށް އިތުރު ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ، މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށްވުރެ ފުޅާކޮށް މި ޚިދުމަތް ދިނުމެވެ.