ޚަބަރު
އެއް އަހަރު ދުވަސްވެފައިވާ މީޑިއާތަކަށްވެސް ދައުލަތުގެ މާލީ އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މީީޑިއާތަކާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް
ފަރުދުން
25 ޑިސެމްބަރު 2025، 05:47
25 ޑިސެމްބަރު 2025، 05:47
މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އާ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވީ އުސޫލަށް ގެނައި ބަދަލަކީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒު ކުރުމުގެ ގޮތުން ގެނައި މުހިންމު ބަދަލެއް ކަމުގައެވެ.
ބަދަލުތަކަށްފަހު މިއަދު އާންމުކުރި އައު އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންދާ މީޑިއާތަކަށް މި އެހީއަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. ކުރީގެ އުސޫލުގައި އެހީދޭ އުމުރެއްގެ ގޮތުގައި ތިން އަަހަރު އޮތުމުން އޭރު ޝަރުތު ހަމަވީ 18 މީޑިއާ ނަމަވެސް، އައު އުސޫލުގެ ދަށުން ގާތްގަނޑަކަށް 60 މީޑިއާ އަށް މާލީ އެހީއަށް ޝަރުތު ހަމަވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
އަލުން ގެޒެޓު ކޮށްފައިވާ އުސޫލުގައިވާގޮތުން ފައިސާ ދިނުމުގައިވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ކުރީގެ އުސޫލުގައި ތިން ފަހަރެއްގެ މަތިން ފައިސާ ދޫކުރާ ގޮތަށް އޮތް ނަމަވެސް، އައު އުސޫލުގެ ދަށުން އެހީ ލިބޭ މީޑިއާތަކަށް ކަނޑައަޅާ ފައިސާ ދޫކުރާނީ އެއްކޮށެވެ. މީގެ އިތުރުން، އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބަލައިގެން މާކްސް ދިނުމަށްވެސް އައު އުސޫލުގައި ވަނީ ހިމަނާފައެވެ.
އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން މީޑިއާތަކަށް ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. އެގޮތުން މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރެވެ.