ދީން / ޚަބަރު
އައްޑޫސިޓީ މަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި
އައްޑޫސިޓީ މަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވުން: ފޮޓޯ- އިސްލާމިކް މިނިސްޓްރީ
ފަރުދުން
26 ޑިސެމްބަރު 2025، 03:12
26 ޑިސެމްބަރު 2025، 03:12
އައްޑޫ ސިޓީ މަރަދޫގައި އަލަށް އިމާރާތްކުރެވުނު 500 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތް ހުޅުވާފައިވަނީ މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި ކަމަށެވެ. އައްޑޫ ސިޓީގައި އަލަށް އިމާރާތްކުރެވުނު މި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
މަސްޖިދުއްރައްޔާން ގެ ނަމުން ނަންދީފައިވާ މިމިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރި މިސްކިތެކެވެ. މިމިސްކިތުގައި އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ގޮތަށް ވަނީ ފަރުމާ ކޮށްފައެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
މަރަދޫގައި އަލަށް އިމާރާތް ކުރެވިގެން ދިޔަ މިސްކިތުގެ އިތުރުން، އަމިއްލަ ފަރާތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކުރި މިސްކިތްވެސް މިއަދު ވަނީ ހުޅުވާފައެވެ. މަސްޖިދުލް އީމާންގެ ނަމުގައި ބިނާކުރި މި މިސްކިތްވެސް ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދާއެކުގައެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީ، އަލްހާފިޒް އުވައިސް ބިން އިނާޒެވެ. ހުކުރު ނަމާދުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ..