Ads by Stelco

ޚަބަރު

މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން؛ ފޮޓޯ- މީޑިއާ ކޮމިޝަން

farudhun logo

ފަރުދުން

26 ޑިސެމްބަރު 2025، 04:00

26 ޑިސެމްބަރު 2025، 04:00

މީޑިއާތަކަށް މިހިނގާ 2025 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް، އެދުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިއްޔެ އެކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ 25 ޑިސެމްބަރު 2025ން ފެށިގެން 28 ޑިސެމްބަރުގެ ނިޔަލަށް މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މާލީ އެހީތެރިކަމަށް އެދުމުގެ ސުންގަޑިއަކީ 28 ޑިސެމްބަރުވާ އާދިއްތަ ދުވަހުގެ 14:00އެވެ. 

އެކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.  އަދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ 'ވަންގަވް'ގެ ތެރޭގައި ހަދާފައިވާ 'މީޑިއާ އެޕް' މެދުވެރިކޮށެވެ. ކޮމިޝަނުން ބުނީ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްސީލާއި ޝަކުވާ ބަލައި ޖަވާބުދާރީވުމުގެ ހުރިހާ މަރުހަލާއަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާކުރަންޖެހޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއް ވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އައު އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާ އިއްޔެ ވަނީ ގެޒެޓްކޮށްފައެވެ. ބަދަލުތަކަށްފަހު އާންމުކުރި އައު އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންދާ މީޑިއާތަކަށް މި އެހީއަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. ކުރީގެ އުސޫލުގައި އެހީދޭ އުމުރެއްގެ ގޮތުގައި ތިން އަަހަރު އޮތުމުން އޭރު ޝަރުތު ހަމަވީ 18 މީޑިއާ ނަމަވެސް، އައު އުސޫލުގެ ދަށުން ގާތްގަނޑަކަށް 60 މީޑިއާ އަށް މާލީ އެހީއަށް ޝަރުތު ހަމަވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި  ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450