Ads by Stelco

ޚަބަރު

އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

ވަޒީރު އާދަމް ނަޞީރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޑިސެމްބަރު 2025، 12:49

28 ޑިސެމްބަރު 2025، 12:49

ރާއްޖޭގައި އަލަށް ޤާއިމުކުރާ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ފާއިތުވި ދެ އަހަރު ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކާއި ކާމިޔާބީތައް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށާއި، ޖަނަވަރީ މަހު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އެހެން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އިމަރސިވް މިއުޒިއަމްތަކަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކުރާ މިއުޒިއަމްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މި މިއުޒިއަމް ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ފަދަ ތަންތަން ހިމެނޭހެން އީޖާދީ ވިސްނުމެއްގައި ދިވެހި ތާރީޚު ތަޖުރިބާ ކުރެވޭނެ ތަނެއްގެ ގޮތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ހުރި ދުވަސްވީ އާސާރުތަކާއި ތަރިކަތައް ހިމާޔަތްކުރުމަށް މުހިންމު މަސައްކަތްތަކެއް މިހާރު ކުރަމުންދާއިރު، ހއ. އުތީމު، ބާރަށް އަދި ތަކަންދޫ ހިމެނޭހެން "ޣާޒީ ރަދުން" ގެ އަސަރުތައް ދިރުވައި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. މިތަންތަން ބިނާކުރެވިގެންދާނީ އެތަންތަނަށް އެ ގެންނަ ބަދަލުތަކާ އެކީގައި އެތަންތަނުން މުހިންމު ހަނދާންތަކަކާއި ވާހަކަތަކެއް ބުނެދޭ، އަދި ރަނގަޅު އާމްދަނީއެއްވެސް ހޯދޭނެ ވަޞީލަތްތަކެއްގެ ގޮތުގައެވެ.

އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޢާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްޤީކުރުމާއި، ތަރިކަ ދިވެހީންނަށް އޭގެ ހަޤީޤީ މާނައިގައި ރައްދުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެތެރެއިން ކުރައްވާ މުހިންމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450