ޚަބަރު
އަޑުއެހުމުގަ ދޭންޖެހޭ ސަމާލުކަން އެ ރައްޔިތަކަށް ދިނުމަކީ ރައީސްގެ ފަރާތްޕުޅުން ދަސްވި ވަރަށް މުހިންމު ސިފައެއް: ނައިބު ރައީސް
ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ނައިބުރައީސްގެ ދެކަނބަލުން ދެއްވި ޚާއްޞަ ބަސްދީގަތުމުގެ ތެރެއިން: ފޮޓޯ- ޕީއެސްއެމް ނިއުސް
ފަރުދުން
29 ޑިސެމްބަރު 2025، 10:49
29 ޑިސެމްބަރު 2025، 10:49
މީހުން ދައްކާ ވާހަކަ އަޑުއެހުމާއި އެކަމަށް އިޖާބަދީ، ޖަވާބުދާރީ ވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކު މަސައްކަތް ކުރެއްވުމުން ދަސްވި ވަރަށް މުހިންމު ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބުރައީސް ވިދާޅުވީ ސިޔާސީ ގޮތުން ބުނާ ބަހާއި، އަމަލާ ދިމާވާންޖެހޭނެ ކަމަށް އަބަދުވެސް ޤަބޫލުކުރައްވާ ކަމަށާއި މިދާއިރާގައި މަސައްކަތްކުރަން އެފަދަ ލީޑަރުން ތިބެންޖެހޭކަން ޤަބޫލުކުރައްވާ ކަމުގައެވެ.
"މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެއް ސަރުކާރެއްގެ ތެރޭގައި އުޅުނީމަ މީހުން ދައްކާ ވާހަކަ އަޑުއެހުން އެއީ، އަޅުގަނޑަށް ފެނިގެން ދިޔަ ވަރަށް މުހިންމު އެއް ސިފަ. ޚާއްޞަކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޭރުވެސް އެކަން ދަސްވެގެން ދިޔަ ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި، އަޅުގަނޑުވެސް ބައެއް މީޓިންތަކުގައި އިންނައިރު ކަނުލާ ކަންކަން އަޑުއެހުން. އަޑުއެހުމުގައި އެ ދޭންޖެހޭ ސަމާލުކަން އެ ރައްޔިތަކަށް ދީ އެ ނިމުމަށްފަހު ހަޤީޤަތުގައި ދެން އެ އަންނަނީ އަޅުގަނޑުމެންގެ ރަސްމީ މަސައްކަތް. އެކަމަށް އިޖާބަދީ ޖަވާބުދާރީވުން. މިއީ، އަޅުގަނޑަށް ދަސްވި ވަރަށް މުހިންމު ސިފަތަކެއް"
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ބުނާ ބަހާއި، އަމަލާ ދިމާވާންޖެހޭނެ ކަމަށް އަބަދުވެސް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޤައުމާއި، ރައްޔިތުންނާއި، އަންނަން އޮތް ޖީލުގެ ޙައްޤުގައި އެފަދަ ލީޑަރުން ތިބެންޖެހޭކަން ގަބޫލުކުރައްވައި، އަނބިކަނބަލުންނާ މަޝްވަރާކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ނިންމެވީ ކަމަށާއި، އޭރު މަޖިލީހުގައި އެކުގައި މަސައްކަތް ކުރެއްވި މެންބަރުންނާއި، މިހާރުގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި އޭރުގެ ސަރުކާރުގެ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ލިބި، ގިނަ ކަންކަން ދަސްވިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުސްތާޛް ޙުސައިން މުޙައްމަދު ލަޠީފަކީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރުކަން 10 އަހަރު ކުރައްވާފައިވާ ހީވާގި ބޭފުޅެކެވެ. މިހާރު ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ފެނިގެންދަނީ މަރުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ.