ޚަބަރު
ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ޓޯވކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ދޫކޮށްފި
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކުރުން: ފޮޓޯ- ފުލުހުން
ފަރުދުން
29 ޑިސެމްބަރު 2025، 01:19
29 ޑިސެމްބަރު 2025، 01:19
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ޓޯވކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ދޫކޮށްފިއެވެ.
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޓޯވ ކުރި އުޅަނދުތަކުގެ ތެރެއިން އުސޫލުގެ ތެރެއިން ޖުމްލަ 105 އުޅަނދެއް މިހާތަނަށް ދޫކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ޓޯވކޮށްފައިވާ އުޅަނދުތައް ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގައި ހުންނަ ޓްރެފިކް ކައުންޓަރުން ކުރިއަށް ގެންދާއިރު، ޓޯވކުރެވޭ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިންގަނޑުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން، ދޫކޮށްފައިވާ އުޅަނދުތައް ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމުގެ ކުރިން އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނޫގެ ދަށުން ނުވަތަ އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން ހުށަހެޅުމުން އެއުޅަނދެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 787 އުޅަނދެއް ޓޯވކޮށްފައިވެއެވެ.