ޚަބަރު
ގުޅީފަޅުން ގޯތި ލިބުނު 2751 ފަރާތަކަށް މިހާތަނަށް ރަޖިސްޓްރީ ހަވާލުކޮށްފި
ގުޅީފަޅު--
ގުޅީފަޅުން ގޯތި ލިބުނު 2751 ފަރާތަކަށް މިހާތަނަށް ރަޖިސްޓްރީ ދޫކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ކ. ގުޅީފަޅުން ގޯތި ދޫކުރެވުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ، މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 2751 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ. އެ ވުޒާރާއިން ވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ޤުރުޢަތު ނަގާފައިވުމުގެ ސަބަބުން ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ފަށައިފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ، ގޯތީގެ ރަޖިސްޓްރީއާ ޙަވާލުވެ ލިޔެކިޔުންތަކުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު "ހިޔާވެހި ޕޯޓަލް" ގެ ޒަރީއާއިން ހަމަޖައްސައިދީފައެވެ. އަދި ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ މަޢުލޫމާތު އެޕޯޓަލްގައި ހިމަނާފައިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، ރަޖިސްޓްރީއާ ޙަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަަޞްލު ގެންނަން ޖެހެއެވެ.

އަދި ރަޖިސްޓްރީއާއި ހަވާލުވުމަށް ބަދަލުގައި އެހެން ފަރާތެއް އަންނަ ނަމަ، ޕަވަރ އޮފް އެޓަރނީގެ އަޞްލާއި، ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ ރައްޔިތު ކާޑުގެ އަޞްލު ގެންނަން ޖެހޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މިފަރާތްތަކުން ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ އަޞްލު ގެނައުމަށް ވެސް އެ ވުޒާރާއިން ޝަރުޠުކޮށްފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓަށް ވުރެ ލަހުން ޙާޟިރުވެއްޖެ ނަމަ، ނުވަތަ ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވެއްޖެ ނަމަ، އެދުވަހުގެ އެޕޮއިންޓްމަންޓް ކެންސަލް ވާނެ ކަމަށެވެ. މިފަދަ ހާލަތްތަކުގައި، ރަޖިސްޓްރީ އާއި ޙަވާލުވުމަށް އައު އެޕޮއިންޓްމެންޓެއް ހައްދަން ޖެހޭނެއެވެ. އެޕޮއިންޓްމެންޓަށް އެދޭ ފަރާތްތަކަށް، ޙާޟިރުވާން ޖެހޭ ތަނާއި ގަޑި "ހިޔާވެހި ޕޯޓަލް" އަދި އެސްއެމްއެސް މެދުވެރިކޮށް ފެންނާނެއެވެ.
މި މަސައްކަތްތައް މެދުވެރިކޮށް މިހާތަނަށް 2751 މީހެއްގެ ރެޖިސްޓްރީ ހައްދައިދީފައިވާއިރު، ބާކީ ތިބި މީހުންގެ ރެޖިސްޓްރީތައް ހަދައި ހަވާލުކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.