ޚަބަރު
"މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އިޖުތިމާއީ ވުޒާރާގެ ހެލްޕްލައިނަށް 17،000 އަށްވުރެ ގިނަ މައްސަލަ ލިބިފައިވޭ"
ވަޒީރު ޢާއިޝަތު ޝިހާމް/ފޮޓޯ: ވުޒާރާ
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އިޖުތިމާޢީ ވުޒާރާގެ ހެލްޕްލައިނަށް 17،000 އަށްވުރެ ގިނަ މައްސަލަ ލިބިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ އެހީ ހޯދުމަށް ޓަކައި އިތުރު ހޮޓްލައިނެއް މިއަހަރު ޤާއިމުކުރެވިފައިވާ ކަމަށާއި، މިއަހަރުގެ ޖެނުއަރީއިން ފެށިގެން މިދިޔަ އޮކްޓޯބަރާ ހަމައަށް 17،000 އަށްވުރެ ގިނަ ފޯންކޯލު ލިބިފައިވާ ކަމަށެވެ. އަދި މި ފޯންކޯލުތަކަށް ޖަވާބު ދިނުމަށް މުވައްޒަފުންނަށް ޚާއްޞަ ތަމްރީނެއް ދީފައިވާނެ ކަމަށާއި، ބައެއް ފަރާތްތަކުން ދެއްވާ މަޝްވަރާގެ މަތިން އެ ވުޒާރާގެ ސިސްޓަމަށް ވެސް ބަދަލުތަކެއް ގެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންނަށް 1433 ގެ އިތުރު ހޮޓްލައިނެއް އަޅުގަނޑުމެންނަށް ލެވި އޭގެ އިތުރުން 1412 އާއި 1421 ވެސް ފަންކްޝަން ކުރަމުންދޭ، ތިބޭފުޅުންނަށް ދަންނަވާލާނަން ޖެނުއަރީއިން ފަށައިގެން އޮކްޓޯބަރާ ހަމަޔަށް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 17،000 އަށްވުރެ ގިނަ ފޯންކޯލް އަޅުގަނޑުމެންނަށް ލިބިގެންދިޔަ.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް ޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިންފޮމޭޝަން މެނޭޖްމަންޓު ސިސްޓަމަށް ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އޭގެ ސަބަބުން އެ ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކާއި ކަންބޮޑުވުންތައް ވަރަށް ކައިރިން މޮނީޓާ ކުރެވި އަވަސް ޚިދުމަތެއް ދެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާއިން ހިންގާ ހުރިހާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު އޭގެ ސަބަބުން އެއްވިއުގައެއްގެ ތެރެއިން ފެނިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.