ޚަބަރު
މާލީ އެހީއަށް އެދުނު 57 މީޑިއާގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާ: އެމްއެމްބީސީ
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: އެމްއެމްބީސީ
އަމިއްލަ މީޑިއާތަކަށް މިއަހަރު ދައުލަތުން ދޭ މާލީ އެހީތެރިކަމަށް އެދުނު 57 މީޑިއާގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްއެމްބީސީ އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
އެމްއެމްބީސީ އިިން ވިދާޅުވީ، މާލީ އެހީތެރިކަމަށް އެދި ޖުމްލަ 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނ، 41 މީޑިއާ ކަމަށާއި، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަންސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ޚާއްޞަކޮށް ހުޅުވާލި ފުރުޞަތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން، އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ލިބުނު 8 ޝަކުވާގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން 3 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މާކްސް ދޭ މިންގަނޑަށް ބަލލާއިރު، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މިއަހަރުގެ މާލީ އެހީއަށް ޝަރުތު ހަމަވާ މީޑިއާތަކަށް ޖުމްލަ ލިބޭ އަދަދު އެއް ޕޭމަންޓެއްގެ ގޮތުގައި ލިބިގެންދާއިރު، މިއީ ދަޢުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.