ޚަބަރު
ރާއްޖޭގެ އާބާދީ ބޮޑު ސިޓީތަކުގައި ސިނަމާ ކޮމްޕްލެކްސްއެއް ޤާއިމްކުރަނީ
އޮލިމްޕަސް/ފޮޓޯ: އަވަސް އެމްވީ
ރާއްޖޭގެ އާބާދީ ބޮޑު ސިޓީތަކުގައި ސިނަމާ ކޮމްޕްލެކްސްތައް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ފިލްމު އެޅުވުމަށް ޒަމާނީ ސިނަމާ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، ހުޅުމާލޭގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރަމުންދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ލަސްތަކެއްނުވެ އެ މަސައްކަތްވެސް އަންނަ އަހަރު ފަށާގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއްފަހަރަކާ ނޫން 4 ފިލްމު ބަލަނީ. 4 ސްކްރީނުގައި 4 ތަނުގައި އިންނާނީ. 4 ރައްޓެހިން މިދަނީ. އެކަކު ބޭނުންވަނީ އެކްޝަން ފިލްމްއެއް ބަލަން. އަނެކަކު ބޭނުންވަނީ، ތަންކޮޅެއް ކޮމެޑީ ފިލްމެއް ބަލަން. އެކި ވައްތަރު ފިލްމު ބަލަން ބޭނުންވާނަމަ އެ ފުރުސަތުތަކޭ މި ހުޅުވާލަނީ. 4 ސްކްރީން ހުންނާނެ. އޭގެ ތެރެއިން އެއް ސްކްރީން ޚާއްޞަ ކުރާނަން ދިވެހި ފިލްމު އެޅުވުމަށް.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ސިނަމާ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި ފިލްމު އުފައްދާ ފަރާތްތަކަށް އަތޮޅުތަކުގައި ފިލްމު އެޅުވުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި، ފިލްމު އެޅުވުމަށް ބޮޑެތި ސިޓީތަކުގައި ސިނަމާތައް ހުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ކުޅުދުއްފުށީގައި ވަރަށް އަވަހަށް އެ މަސައްކަތް ފަށައި ނިންމާލެވޭނެ ކަމަށާއި، އޭގެ ކަރުދާހުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ހަމަ މިއާއެކު، އައްޑޫ ސިޓީގައި ޤާއިމްކުރާ ސިނަމާ ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން އެތަންވެސް ބޭނުންކުރަން ފެށޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާތަކެއް ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާއިރު، މިހާރު މާލޭގައި ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އޮލިމްޕަހުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.