ޚަބަރު
ފުނަދޫއަށް ރޭގަނޑު ފްލައިޓުތައް ފެށުމަށް ތައްޔާރުވެއްޖެ
ފުނަދޫ އެއަރޕޯޓު---
ފަރުދުން
30 ޑިސެމްބަރު 2025، 08:18
30 ޑިސެމްބަރު 2025، 08:18
ށ. ފުނަދޫއަށް ރޭގަނޑު ފްލައިޓުތައް ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ނިންމުމަށްފަހު، މިރޭ ޓެސްޓު ފްލައިޓު އެޅުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
މި އަހަރު ނިމުމުގެ ކުރިން އެ ރަށުގެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، މި އަހަރުގެ އޮކްޓޫބަރު މަހު އެ ރަށަށް ކުރެއްވެވި ޒިޔާރަތުގައެވެ. އެގޮތުން އެ އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް ހަވާލުކުރީ އެމްއޭސީއެލްއާއެވެ.
މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފުނަދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ފުނަދޫ އެއަރޕޯޓުގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ.
އެގޮތުން ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމަށްޓަކައި ސިވިލް އެވިއޭޝަން އޮތޯރިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ޓެސްޓު ފްލައިޓު މިރޭ އެ އެއަރޕޯޓަށް ޖެއްސުމަށްވަނީ ހަމަޖެހިފައިކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.
ފުނަދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ލައިޓު ހަރުކުރުމާއި، ޒަމާނީ ފެންވަރުގެ ލައުންޖަކާއި ރެސްޓޯރެންޓް ހެދުމުގެ އިތުރުން ޓަރމިނަލްގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ބެލްޓުތަކެއް ހަރުކުރުމަށްވަނީ ކަނޑައަޅާފައެވެ.
ށ. ފުނަދޫ އެއަރޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރު ގައެވެ. ށ.އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއަރޕޯޓަކީ ފުނަދޫ އެއަރޕޯޓެވެ. ފުނަދޫގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ.