ޚަބަރު
60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އާސަންދައަށް ވަކި އަދަދެއް ދައްކަންޖެހޭގޮތަށް ހަދަނީ
އާސަންދަ އޮފީސް
ފަރުދުން
12 ނޮވެމްބަރު 2024، 06:55
12 ނޮވެމްބަރު 2024، 06:55
60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އާސަންދައަށް ވަކި އަދަދެއް ދައްކަންޖެހޭގޮތަށް ހަދަން ސަރުކާރުން ނިންމައިފިއެވެ.
މިއީ އާސަންދަ ނިޒާމު އިސްލާހުކޮށް ހަރަދަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލެކެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ވާ ގޮތުން އާސަންދަ އަށް ކުރާ ހޭދަ ކުޑަކޮށް، އާސަންދައިގެ ޚަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ތަފުސީލް ރިޕޯޓުގައިވާ ގޮތުން މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން އާސަންދަ ނިޒާމަށް ވަކި އަދަދެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ.
އާސަންދައަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން އެންމެ މުއްސަނދި މީހުންނަށް އަމާޒުކޮށް ބޭހާއި އައުޓް ޕޭޝަންޓް ހިދުމަތްތަކަށް ކޮންމެވެސް މިންވަރެއް ކޮންޓްރިބިއުޓް ކުރަން ނުވަތަ އަމިއްލައަށް ހަރަދުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމަށްވެސް ހިމަނާފައިވެ އެެވެ. އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކުން ޕްރީ ޕޭމަންޓެއް ނަގައި ނިޒާމު ފައިނޭންސް ކުރަން ހިއްސާކުރާ ގޮތަށް ހެދުމަކީވެސް އާސަންދައަށް ކުރާ ހޭދަ ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ.
އަންނަ އަހަރުގެ ބަޖެޓުން ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަކުރާ ޖުމްލަ ހަރަދުގެ 5.1 ޕަސަންޓަކީ އާސަންދައަށް ކުރާ ހަރަދެވެ. އަންނަ އަހަރު އާސަންދައަށް ކުރާ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 1.85 ބިލިއަން ރުފިޔާ އެވެ.