ޚަބަރު
ހުރިހާ ބާވަތެއްގެ ތެރަޕީއެއް ހިލޭ، އަދި އިތުރު އެލަވަންސެއް ތަޢާރަފްކޮށްފި
01 ޖަނަވަރީ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސިއްޙީ ވުޒާރާ
ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތަކަށް ހިނގާ ޚަރަދު ޖެނުއަރީ 1ވަނަ ދުވަހުން ފެށިގެން އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނެ ހަމަޖައްސައިދިނުމާއެކު، ހަމަ އެ ދުވަހުން ފެށިގެން އިތުރު އެލަވަންސެއް ދޭން ނިންމައި، އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާގެ މުހިއްމު 5 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމްއެވެ.
އެގޮތުން ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތަކަށް ހިނގާ ޚަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.
ސިއްޙީ ދާއިރާއިން އިފްތިތާޙު ކުރެވިގެން ދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ތެލަސީމިއާ ކުދިންނާ ގުޅޭ މުހިންމު ޕްރޮގްރާމެއް ވެސް ހިމެނެއެވެ. އެއީ ތެލަސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން 1 ޖެނުއަރީއިން ފެށިގެން ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 2,000 ރުފިޔާގެ ވަކި އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
01 ޖަނަވަރީ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސިއްޙީ ވުޒާރާ
މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ޚަރަދެއްވެސް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، 'މެރަނާ' ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާ ޕްރޮގްރާމެއްވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ 65 އިންސައްތަ ސަރުކާރުން ހަމަޖައްސައިދޭނެއެވެ.
މީގެ އިތުރުން، ރައީސްގެ ވަޢުދާއި އެއްގޮތަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު އިތުރުކުރެވުންވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މި ބަދަލާއެކު، ގިނަވެގެން 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދެމުންދާނެއެވެ.