ޚަބަރު
މިއަހަރުތެރޭ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދާނެ: ވަޒީރު
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން
ފަރުދުން
01 ޖެނުއަރީ 2026، 06:52
01 ޖެނުއަރީ 2026، 06:52
މި ހިނގާ 2026 ވަނަ އަހަރު ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދާނެ ކަމަށާއި، މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުމަކީ އަމާޒެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މިންގަނޑުތަކާއި އެއްގޮތަށް ހަރުދަނާކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ސިނާޢަތުގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް ހަރުދަނާކޮށް ކުރިއެރުވުމާއި ގުޅޭގޮތުން، ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ވަނީ ސިނާޢަތުގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފަ.
— Mohamed Ameen (@ameen3d) January 1, 2026
މާތް ﷲ ގެ ވާގިފުޅާއެކު،…
އެއާއެކު، މި 2026 ވަނަ އަހަރު ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އަމީން ވިދާޅުވީ، މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުމަކީ އަމާޒެއް ކަމުގައެވެ. އެގޮތުން މި ސިނާޢަތުގެ ތަރައްޤީއާއި ގުޅޭ ކަންކަމުގައި މަޝްވަރާއާއި ލަފާ ހޯދުމަށްޓަކައި ފަންނީ ތަޖުރިބާކާރުން ހިމެނޭހެން އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނެ ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ބަޔާން ކުރެއްވިއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ދަށުން ބަލަހައްޓަމުންދާ މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް، އެ ދާއިރާއިން އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.