Ads by Stelco

ޚަބަރު

ރާއްޖޭގެ ހުރިހާ އެއާރޕޯޓެއް ވެސް ހިންގާނީ ދިވެހިން: ވަޒީރު އަމީން

ރާއްޖޭގެ ހުރިހާ އެއާރޕޯޓެއް ވެސް ހިންގާނީ ދިވެހިން: ވަޒީރު އަމީން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން---

farudhun logo

ފަރުދުން

02 ޖެނުއަރީ 2026، 03:06

02 ޖެނުއަރީ 2026، 03:06

ރާއްޖޭގެ ހުރިހާ އެއާރޕޯޓެއް ހިންގާނީ ދިވެހީން ކަމަށާއި، އެއްވެސް އެއާރޕޯޓެއް ހިންގުމަށް ބޭރުގެ ބަޔަކާއި ހަވާލު ނުކުރާނެކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.

ސޯޝަލް މީޑިއަގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށާއި ބައިނަލްއަޤުވާމީ ދަތުރުތަކަށް ބޭނުންކުރާ ހުރިހާ އެއާރޕޯޓެއްވެސް އޮޕަރޭޓު ކުރަނީ މޯލްޑީވްސް ސިވިލް އޭވިއޭޝަނުން ޙުއްދަ ދީފައިވާ ރާއްޖޭގެ ކުންފުނިތަކުން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެއްވެސް އެއާރޕޯޓެއް ބޭރުގެ ފަރާތަކަށް އޮޕަރޭޓުކުރަން ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި، އެކަން ކުރާނީ ދިވެހި ކުންފުނިތަކުން ކަމުގައެވެ.



ވަޒީރު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހަވާލުވެ ދިނުމަށް ރާއްޖޭން އެދިފައިވާ ކަމަށް އެޤައުމުގެ ނޫހަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ސިވިލް އޭވިއޭޝަނުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއާޕޯޓް ހިންގުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް މިއީ ހަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް ދިވެހި ދައުލަތުގެ ފަރާތުން މިވަނީ ޔަޤީންކަން އަރުވާފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލުން އޭ 320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓެއް ޖައްސާފައިވަނީ، ޑިސެމްބަރ 26ވަނަ ދުވަހުއެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގްތިސާދީ ހުރިހާ ދާއިރާއެއްގެ އިތުރުން އިޖުތިމާޢީ ގޮތުންވެސް ތަރައްޤީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450