ޚަބަރު
އިންތިޚާބުގެ ޓްރެއިނަރުންގެ ތަމްރީނު ޕްރޮގްރާމު ފަށައިފި، 7000 އޮޝަލުން ތަމްރީނު ކުރާނެ
އިންތިޚާބުގެ ޓްރެއިނަރުންގެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ- އީސީ
ފަރުދުން
03 ޖެނުއަރީ 2026، 05:20
03 ޖެނުއަރީ 2026، 05:20
މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް" (ޓީ.އޯ.ޓީ) ޕްރޮގުރާމު މިއަދު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ޓްރެއިނަރުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް މިހާރު ފަށާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މިމަހުގެ 3 އިން 9އަށް މާލޭ ސީއެޗްއެސްސީގައެވެ. މި ޕްރޮގްރާމުގައި އޮފިޝަލުން ތަމްރީނުކުރާނެ 100 އަށް ވުރެ ޓްރެއިނަރުން ތަމްރީނުކުރެވިގެންދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ. އެ ކޮމިޝަނުން މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނުވާ އޮފިޝަލުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންތިޚާބު އޮންނަން ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެކޮމިޝަނުން ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އިންތިޚާބުގައި ކޮމިޝަނުގެ ޒިންމާއަކީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް އިންތިޚާބުގެ ކަންކަން ތަންފީޒު ކުރުން ކަމުގައި ކޮމިޝަނުގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އަދި އިންތިޚާބުގެ އެއްވެސް ކަމެއް ކުރިއަށް ގެންދާއިރު މިހާރު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާ ގޮތާއި ތަފާތުކޮށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދޭ ކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) މާލޭ ގައި، މިއަދުން ފެށިގެން، ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ތަމްރީނު ޕްރޮގްރާމްތައް ނިންމުމަށް ފަހު، ތަމްރީނު ލިބޭ ފަރާތްތަކުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގެ މަސައްކަތްތަކުގައި 7000 އެއްހައި އޮފިޝަލުން ހަރަކާތްތެރިވާއިރު، އެ ފަރާތްތައް ތަމްރީނުކުރުމަށް އަތޮޅުތެރޭގައި ކުރިއަށް ގެންދާ ތަމްރީނުތައް މިމަހުގެ 11 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ތަމްރީނުތައް މިމަހުގެ 15 ވަނަ ދުވަހު ފެށިގެންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.