Ads by Stelco

ޚަބަރު

އެވިޑް ކޮލެޖުން ލަންކާގައި ޤަވާއިދާ ޚިލާފަށް ކޯސްތަކެއް ހިންގި މައްސަލައެއް ފެންމަތިވެއްޖެ

އެވިޑް ކޮލެޖުން ލަންކާގައި ޤަވާއިދާ ޚިލާފަށް ކޯސްތަކެއް ހިންގި މައްސަލައެއް ފެންމަތިވެއްޖެ

އެވިޑް ކޮލެޖުގެ ކެމްޕަސްއެއް---

farudhun logo

ފަރުދުން

04 ޖެނުއަރީ 2026، 08:49

04 ޖެނުއަރީ 2026، 08:49

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފަށް، އެވިޑު ކޮލެޖުގެ ކޯސްތަކެއް ސްރީލަންކާގައި ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީގެ އެކްރެޑިޓޭޝަން ޤަވާއިދާއި، "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން"ގެ އިތުރުން، އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖޭން ބޭރުގައި ހިންގުމާބެހޭ ޤަވާއިދާ އެވިޑު ކޮލެޖުން ކަނޑައެޅިގެން ޚިލާފު ވެފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވީ، ސްރީލަންކާގެ "އެމަޒޯން ކޮލެޖު"އާއި "އަލްޒެޓް ޔުނިވަރސިޓީ"ގައި އެވިޑު ކޮލެޖުން ހިންގުމަށް ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގައި، އެ ތަންތަނުން ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް އެވިޑު ކޮލެޖުގެ ސަނަދު ދީފައިވާކަން ފާހަގަވުމާ ގުޅިގެންނެވެ. އެމްކިއުއޭއިން ހާމަކޮށްފައިވާ ގޮތުގައި މިކަން ކަށަވަރުވީ، އެކި ޤައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި، ދަރިވަރުންގެ އިތުރުން އެވިޑު ކޮލެޖުން އެ އޮތޯރިޓީއާ ޙިއްސާކޮށްފައިވާ ލިޔެކިޔުންތަކުންނެވެ.

އަދި ސްރީލަންކާގެ "ޗެސްޓާ ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަން"، "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް"، "އިނޮވޭޓަސް ކެމްޕަސް"، "ސިލޯން ކޮލެޖު އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް" ގައިވެސް އެވިޑު ކޮލެޖުގެ ޕްރޮގްރާމްތައް ހިންގަން މަސައްކަތްކުރާކަން އެމްކިއުއޭއަށް އެނގިފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އަދި މި ތަންތަނަކީ ސްރީލަންކާގެ ކަމާބެހޭ މަތީ ތަޢުލީމުގެ އިދާރާތައް ކަމަށްވާ ޓީވީއީސީއާއި ޔޫޖީސީ ނުވަތަ އެޤައުމުގެ އެޑިޔުކޭޝަން މިނިސްޓްރީގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނެއް ނޫން ކަމަށް ވެސް އެމްކިއުއޭއިން ބުނެއެވެ.

އެމްކިއުއޭއިން އިތުރަށް ބުނީ، 29 އޮގަސްޓް 2024 އިން ފެށިގެން މިކަންކަން އިސްލާޙު ކުރުމަށް އެވިޑު ކޮލެޖަށް ތަކުރާރުކޮށް އަންގާފައި ވާނެ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮލެޖުން އެކަން އިސްލާޙުކޮށްފައި ނުވާކަމަށެވެ. 

ނަމަވެސް މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ މަތީ ތަޢުލީމުގެ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލި، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް އެމްކިއުއޭއިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450