ޚަބަރު
ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު މިހާރު ތައްޔާރުކޮށް ނިމިއްޖެ: ވަޒީރު އާދަމް ޝަރީފް
މީގެ ކުރިން ރޯދަ ހަދިޔާގެ ގޮތުގައި ބެހި މަސްދަޅު
ފަރުދުން
04 ޖެނުއަރީ 2026، 11:07
04 ޖެނުއަރީ 2026، 11:07
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު އުފެއްދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ވަރަށް ފުރިހަމައަށް މިފަހަރު ތައްޔާރުވަމުންދާ ކަމަށެވެ. ވަޒީރު ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން ދަނީ، ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ގޭބީސީ ތަކަށް ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ.
މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، ކަމާގުޅުން ހުރި އިދާރާތަކާއި، ކުންފުނިތަކާއިއެކު ވަރަށް ގާތުން މިމަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މިމަހުގެ 15 އާއި ހަމައަށް އަންނައިރު، މަސައްކަތް އާންމުންނާއި ހަމައަށް ތިލަކޮށް، މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ ތައްޔާރީތައް އާންމު ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.