ދުނިޔެ / ޚަބަރު
ޔަމަނުގެ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ފުރިހަމަ ތާއީދު: ޚާރިޖީ ވުޒާރާ
ފޮރިން މިނިސްޓްރީ އިމާރާތް
ފަރުދުން
04 ޖެނުއަރީ 2026، 01:06
04 ޖެނުއަރީ 2026، 01:06
ޔަމަނުގެ ޞުއްޙައާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ އެންމެހައި މަސައްކަތްތަކަށް ދިވެހި ސަރުކާރުން ފުރިހަމަ ތާޢީދު ކުރާކަން ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ޞުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމަށް ކުރެވެމުންދާ އެންމެހާ މަސައްކަތަށް ދިވެހި ސަރުކާރުން ފުރިހަމަ ތާއީދު ކުރާ ކަމުގައެވެ. އެގޮތުން، ޔަމަނުގެ ހަމަޖެހުން ޤާއިމުކުރުމަށާއި، ޔަމަނުގައި ހަނގުރާމަ ހުއްޓާލާފައިވާ ސަރަޙައްދުތަކުގެ ސަލާމަތާއި ހަމަޖެހުން އަލުން ގެނެއުމަށާއި ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން، ޔަމަނުގައި ތަރައްގީ އާއި ފާގަތިކަމާއި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ކަމާގުޅުންހުރި ފަރާތްތަކަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ޔަމަނުގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެކަން ހައްލު ކުރުމަށް ސަޢުދި އަރަބިއްޔާ އިސްވެ އޮވެ ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެޤައުމުގައި ހިންގަމުންދާ ކަންކަމަށް މަޝްވަރާގެ މަތިން ސިޔާސީ ޙައްލެއް ހޯދުމަށް ޔަމަނުގެ ސަރުކާރު ހިންގާ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލުން ދަޢުވަތު ދީފައިވާތީ އެކަމަށް ދިވެހިރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މިކަމަށް ބާއްވާ ކޮންފަރެންސް ސަޢުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވުމުން ރާއްޖެއިން ވަނީ، އެކަމަށްވެސް މަރުހަބާ ކިޔާފައެވެ.