ޚަބަރު
ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފި
ރާއްޖޭގެ ގެސްޓް ހައުސް އެއް ފޮޓޯ: ހޮލިޑިފައި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ރާއްޖެ އިޝްތިހާރު ކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް (އެމް.އެމް.ޕީ.އާރު.ސީ) އިން ނަގާ މެންބަރޝިޕް ފީ ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ގެސްޓުހައުސްތަކަށް ޚާއްޞަކޮށްގެން މީގެ ކުރިން ނަގަމުން އައި ފީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން ކޮންމެ ގެސްޓުހައުސްއަކުން މެންބަރަކަށް ވުމަށްޓަކައި 1,000 އެމެރިކާ ޑޮލަރު ދައްކަން ޖެހުނު ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މި އަގު ވަނީ ދަށްކޮށްފައެވެ.
އައު އުޞޫލުގެ ދަށުން، 25 ކޮޓަރިއަށް ވުރެ މަދު ގެސްޓުހައުސްތަކުން ދެން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. އަދި 25 ކޮޓަރިއަށް ވުރެ ގިނަ ގެސްޓުހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ. މި ބަދަލަކީ މިހާރުވެސް ޢަމަލުކުރަން ފަށާފައިވާ ބަދަލެއްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.
މިގެނައި ބަދަލު ވަރަށް ބޮޑަށް ހުރިހާ ފަރާތްތަކުން ބަލައިގަނޭ. މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މެންބަރުން ދަނީ ގުޅަމުން. މިއީ އަޅުގަނޑުމެން އޯލްރެޑީ އިމްޕްލިމެންޓެޑް،
ޝިއުރީ
ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީއަކީ ކޮންމެ އަހަރެއްގެ ފެށޭކޮޅު ދައްކަންޖެހޭ ފީއެކެވެ. ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރިވެވޭނެ ފުރުޞަތު ފަހިކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމެވެ.
މެންބަރޝިޕް ފީގެ އިތުރުން، ބައިނަލްއަޤުވާމީ ރޯޑު ޝޯވތަކާއި އިޝްތިހާރު ކުރުމުގެ އެކި ހަރަކާތްތަކުގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ. މީގެ އިތުރުން، ފިޒިކަލްކޮށް ހަރަކާތްތަކުގައި ބައިވެރިނުވެވޭ ފަރާތްތަކަށް "ނޮން-ފިޒިކަލް ޕާޓިސިޕޭޝަން" ނުވަތަ ޑިޖިޓަލްކޮށް ވިޔަފާރިތައް ދައްކާލުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
ވިޒިޓް މޯލްޑިވްސްއިން އިތުރަށް ވިދާޅުވީ، ރާއްޖެ އިޝްތިހާރު ކުރުމަށް އެ ކުންފުނިން ހިންގާ "ކޮންޓެންޓް ދަތުރުތަކުގެ" ތެރެއިން، ރިސޯޓުތަކާއި ގެސްޓުހައުސްތައް ޕްރޮމޯޓް ކުރުމަށް ބޭނުންވާނެ ފެންވަރު ރަނގަޅު ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތިވެސް ފޯރުކޮށްދޭނެ ކަމަށެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކެކެވެ.
އަހުމަދް
06/01/2026 08:45
ކާނި ހޮޓެލްވެސް ގެސްޓުހައުސް އެކޯ. ކުޑަރިސޯރޓް އަކަވުރެން މާގިނަ ލާރިލިބޭ. މިހެންވީމަ އަހަރުމެން ބުނަނީ އަސްލު ލިބެންޖެހޭ މީހުންނަކަށްނޫން މިލިނެނީ