ޚަބަރު
މީޑިއާ ވިލެޖުގެ ބޮޑު ބައެއް ނިމިއްޖެ: ވަޒީރު ވަޙީދު
މީޑިއާ ވިލެޖު ތަރައްޤީ ކުރަމުންދާ އިމާރާތް / ފޮޓޯ: އެޗްޑީސީ
ފަރުދުން
06 ޖެނުއަރީ 2026، 10:09
06 ޖެނުއަރީ 2026، 10:09
ސަރުކާރުން ތަރައްޤީ ކުރަމުންދާ މީޑިއާ ވިލެޖުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުންނެވެ.
އެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މީޑިއާ ވިލެޖުގެ މަސައްކަތުގެ ގާތްގަނޑަކަށް 70 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.
މީޑިއާ ވިލެޖުގެ މަސައްކަތް ގާތް ގަނޑަކަށް 70 އިންސައްތަ ވަނީ ނިމިފައި. އަޅުގަނޑުމެންވެސް ކޮންމެ ދުވަހަކު އޭގެ އަޕްޑޭޓް ނަގަމުން މިދަނީ އެޗްޑީސީ މެދުވެރިކޮށް. މިހާރު އެތަނުގައި މިދަންނަވާހެން ބޮޑުބައި ނިމިއްޖެ އެއީ އެސްޓީއޯ ހޮޓާ ހުރިތަން. އޭގައި އަޅުގަނޑުމެން ނިމޭ ވަރަކުން މީޑިއާތަކަށް، ވަރަށް ލުއިފަސޭހަކޮށް އެތަނުގެ އިންތިޒާމުތައް ކުރިއަށް ގެންދާނަން.
ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މީޑިއާ ވިލެޖު ތަރައްޤީ ކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ސިޓީ ހޮޓަލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިމާރާތުގައެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި މިތަން ހިންގުމަށް ވެސް ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާއެވެ.
ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، "މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާއިރު އެތަނުގެ 3.5 ފަންގިފިލާ ޚާއްޞަ ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށްވެ ވަޑައިގެންފައިވާ މުހިންމު 4 ވަޢުދު ފުއްދާ ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިޔާ ވިލެޖާއި މެޑިކަލް ކޮލެޖާއި ތަރިކަ ކޮލެޖު އެ އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ މީޑިއާތައް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މި ސަރުކާރުން ވަނީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ ފައިސާ ދިނުމަށްވެސް ނިންމާފައެވެ.
އެގޮތުން 39 މީޑިއާއަށް ފައިސާ ދިނުމުގެ މަސައްކަތް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާއި ގުޅިގެން ކުރަމުން އެ ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.