ޚަބަރު
ރައީސް މުޢިއްޒު މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ސަރުކާރުގެ އެސްއޯއީތަކުގެ ހުރި ފަންނީ އަދި މާލީ ޤާބިލުކަން ބޭނުންކުރައްވައިގެން- ޒަމީރު
މިނިސްޓަރ ޒަމީރު: ފޮޓޯ- އެމްއޭސީއެލް
ފަރުދުން
06 ޖެނުއަރީ 2026، 11:53
06 ޖެނުއަރީ 2026، 11:53
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ސަރުކާރުގެ އެސްއޯއީތަކުގެ ހުރި ފަންނީ އަދި މާލީ ޤާބިލުކަން ބޭނުންކުރައްވައިގެން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، އެ އެމްއޭސީއެލް އަކީ މިހާރުވެސް ކާމިޔާބު މަޝްރޫޢުތަކެއް ހިންގާފައިވާ، އެކަމުގެ ޤާބިލުކަން ހުރި ކުންފުންޏެއް ކަމަށެވެ.
ހއ. ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އެޅި ގިނަ އެއަރޕޯޓުތަކަކީވެސް އެއްވެސް ޕްލޭނެއް ނެތި، ހިންގޭނެ ގޮތެއް ނުބަލައި އަޅާފައިވާ ތަންތަން ކަމަށާއި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހުނުކަމަށެވެ.
ނަމަވެސް މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައިގެން ރައީސް ޑރ. މުޢިއްޒު ކުރައްވާ ކަންކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް މިހާރު ނެތް ކަމަށާއި، ރައީސަކީ ދުރު ވިސްނުންފުޅާއެކު، ކަންކަން ވަރަށް ޤާބިލުކަމާއެކު ކުރައްވާ ބޭފުޅެއް ކަމަށްވެސް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ހަދާ ބަނދަރު ދުބާއީ ޕޯޓްސް ވޯލްޑް އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އަލިއަލުއްވާލެއްވިއެވެ. ވަޒީރު ވިދާޅުވީ، ވިޔަފާރިި ބަނދަރު ފަދަ ތަންތަން ވިއްކާލަން އުޅެނީ ކަމަށް ބުނެ ފަތުރަކީ ހަގީގަތާ ހިލާފު ވާހަކަތައް ކަމަށެވެ. އަދި މިހާތަނަށް ރައީސް މުއިއްޒު ރާއްޖޭގައި ކަމެއް ނިންމަވާފައިވާ ނަމަ ނިންމަވާފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ބައްލަވާފައި ކަމަށް ޒަމީރު ވިދާޅުވި އެވެ.
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު، އެމްއޭސީއެލް އިން ރާއްޖެ ގެނެސް ހއ. ދިއްދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެ ރަށުގައި ވަނީ ޚާއްޞަ ރައްމިއްޔާތެއް ބާއްވާފައެވެ.