ޚަބަރު
ޤަވާއިދާ ޚިލާފަށް ކޯސްތަކެއް ހިންގި މައްސަލައިގައި އެމްކިއުއޭ އިން އެވިޑް ކޮލެޖަށް ފިޔަވަޅު އަޅައިފި
އެމްކިއުއޭ/ފޮޓޯ: އައްޑޫ ލައިވް
ޤަވާއިދާ ޚިލާފަށް ކޯސްތަކެއް ހިންގި މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭ އިން އެވިޑް ކޮލެޖަށް ފިޔަވަޅު އަޅައިފި އެވެ.
އެމްކިއުއޭގެ އެކްރެޑިޓޭޝަން ޤަވާއިދާއި، "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން"ގެ އިތުރުން، އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖޭން ބޭރުގައި ހިންގުމާބެހޭ ޤަވާއިދާ އެވިޑު ކޮލެޖުން ވަނީ ޚިލާފުވެފައެވެ.
އެމްކިޔުއޭގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާއި ބެހޭ ޤަވާއިދާއި ޚިލާފަށް އެވިޑް ކޮލެޖުން ސްރީ ލަންކާގައި އެ ޕްރޮގްރާމްތައް ހިންގުމާއި ގުޅިގެން އެމްކިއުއޭ އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެމްކިއުއޭގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ޤަވާއިދުގެ ދަށުން، އެވިޑް ކޮލެޖްގެ މައްޗަށް އަޅާ ފުރުތަމަ ފިޔަވަޅެއްގެ ގޮތުން، ނަޞޭޙަތްތެރިވުމާއެކު މި މައްސަލަ ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ.

ސްރީލަންކާގެ "ޗެސްޓާ ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަން"، "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް"، "އިނޮވޭޓަސް ކެމްޕަސް"، "ސިލޯން ކޮލެޖު އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް" ގައިވެސް އެވިޑު ކޮލެޖުގެ ޕްރޮގްރާމްތައް ހިންގަން މަސައްކަތްކުރާކަން އެމްކިއުއޭއަށް އެނގިފައިވާކަމަށް އެމްކިއުއޭއިން ވަނީ ހާމަކޮށްފައެވެ. އަދި މި ތަންތަނަކީ ސްރީލަންކާގެ ކަމާބެހޭ މަތީ ތަޢުލީމުގެ އިދާރާތައް ކަމަށްވާ ޓީވީއީސީއާއި ޔޫޖީސީ ނުވަތަ އެޤައުމުގެ އެޑިޔުކޭޝަން މިނިސްޓްރީގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނެއް ނޫން ކަމަށް ވެސް އެމްކިއުއޭއިން ބުނެއެވެ.
އެމްކިއުއޭ އިން ބުނީ، މިފަދަ ޢަމަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ މަތީ ތަޢުލީމުގެ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލި، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ.