ޚަބަރު
11 އަތޮޅެއްގައި ކުރިއަށްގެންދިޔަ "އުފާވެރި ރާސްތާ" ޕްރޮގްރާމުގައި 1000 އިސްރަށްވެހިން ބައިވެރިވެފައިވޭ: ވަޒީރު
ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ރާއްޖޭގެ 11 އަތޮޅެއްގައި ކުރިއަށްގެންދިޔަ "އުފާވެރި ރާސްތާ" ޕްރޮގްރާމުގައި 1000 އިސްރަށްވެހިން ބައިވެރިވެފައިވާކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމަކީ އިސްރަށްވެހިންނަށް ވަރަށް ކަމުދާ އަދި ހިތްހަމަޖެހޭ މަޢުލޫމާތުތަކެއް ލިބިގެންދާ ޕްރޮގްރާމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އުފާވެރި ރާސްތާ ޕްރޮގްރާމަކީ، އިޖުތިމާޢީ އަދި ޞިއްޙީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ މަޤުސަދުގައި އިޖުތިމާޢި އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ވެސް މި ޕްރޮގްރާމުގެ ތެރެއިން އިސްރަށްވެހިންނަށް ފަހިވެގެންދެއެވެ.
ހަމަ އެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.