ޚަބަރު
މަސްދުވަސްތެރޭ ރަސްމާލެ "ސައިޓް އޭ"ގެ 64 ހެކްޓަރު ހިއްކައިފި
ރަސްމާލެ ސައިޓް އޭއިން ހިއްކާފައިވާ ސަރަހައްދު- ފޮޓޯ: އެމްއޭސީއެލް
ފަރުދުން
07 ޖެނުއަރީ 2026، 10:14
07 ޖެނުއަރީ 2026، 10:14
ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ ކްރިސްޓަބަލް ކޮލޯން ބޭނުންކޮށްގެން ހިއްކަމުންދާ ރަސްމާލެ "ސައިޓް އޭ"އިން 64 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން "ސައިޓް އޭ"އިން މިހާތަނަށް 64 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ "ސައިޓް އޭ"އިން ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. ރަސްމާލޭ ސައިޓް އޭގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެސައިޓުން ދޮޅު ހެކްޓަރުގެ ބިން ހިއްކައެވެ.
ރަސްމާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ. ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގެނައި ދެ ޑްރެޖަރާއެކު މަސައްކަތް ހަލުވިވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން، މި މަސައްކަތަށް އިތުރު ބާރެއް ގެނެސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރ ކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" މި މަޝްރޫޢުގައި ބޭނުންކުރަން ފެށުމުންނެވެ.
ރަސްމާލޭގެ މަޝްރޫޢަކީ، ދުނިޔޭގެ ވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ. މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ މަޝްރޫޢަކީވެސް ރަސްމާލެ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.

ރަސްމާލެ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން ވަނީ އިޢުލާނު ކޮށްފައެވެ. މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިޤްތިޞާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.