ޚަބަރު
ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފޮޓޯ: އިންޓަރނެޓް
ފަރުދުން
07 ޖެނުއަރީ 2026، 11:00
07 ޖެނުއަރީ 2026، 11:00
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހުޅުވާލައިފިއެވެ.
އެޗްޕީއޭއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވޯލްޑް ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ދޭ އެވޯޑެއް ކަމަށެވެ.
އެޗްޕީއޭއިން ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އިދާރާތަކުން މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ، " އަންމާސްކިންގ ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ. ޞިއްޙަތު ޖަމްޢިއްޔާއިން އެވޯޑް ދެމުން އަންނަނީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރާޓްތަކަށެވެ.
މި އެވޯޑަށް އެދި ހުށަހެޅޭނީ، ޑަބްލިއުއެޗްއޯގެ ލިންކް މެދުވެރިކޮށް ފޯމު ފުރައިގެން މިމަހުގެ 16ވާ ހުކުރު ދުވަހުގެ ކުރިންނެވެ. ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މެއިމަހުގެ 31 އެވެ.