ދުނިޔެ / ޚަބަރު
އިންސާނީ ކަރާމާތް ނެގެހެއްޓުމުގައި ގްލޯބަލް ސުމޫދު ފްލޮޓީލާއިން ކުރަމުންދާ މަސައްކަތްތަކަށް މަޖިލިސް ރައީސް ތަޢުރީފު!
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ފަރާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ވަފުދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ބައްދަލުކުރެއްވުން: ފޮޓޯ- މަޖިލިސް
ފަރުދުން
08 ޖެނުއަރީ 2026، 11:03
08 ޖެނުއަރީ 2026، 11:03
ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ދަތިތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ފަރާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ވަފުދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިންސާފާއި، އިންސާނީ ކަރާމާތް ނެގެހެއްޓުމުގައި ގްލޯބަލް ސުމޫދު ފްލޮޓީލާއިން ކުރަމުންދާ މަސައްކަތްތަކަށް މަޖިލިސް ރައީސް ތަޢުރީފު ކުރައްވާ ހިތްވަރު ދެއްވިއެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި، ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ސާބިތުކަމާއެކުގައިކަން މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން، ބައިނަލްއަޤްވާމީ އެކި ބައްދަލުވުން ތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުނުކެނޑި ފަލަސްތީނުގެ ހަައްޤުގައި ވަކާލާތު ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގްލޯބަލް ސުމުދް ފްލޮޓީލާގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އާ ބައްދަލުކުރެއްވުން pic.twitter.com/ioMucm7yIE
— People's Majlis (@mvpeoplesmajlis) January 7, 2026
ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ، ޣައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަކަށް ދޭ ދެމެހެއްޓެނިވި، ސުލްހަވެރި ބައިނަލްއަޤުވާމީ އިޖާބައެކެވެ. މި ހަރަކާތުން ދަނީ، މިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ޣައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.