Ads by Stelco

ޚަބަރު

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލީ ޒަމާނާ ގުޅޭގޮތަށް ޕާޓީއަށް ބޮޑު ރިފޯމެއް ގެނައުމަށް: އިކްރާމް

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލީ ޒަމާނާ ގުޅޭގޮތަށް ޕާޓީއަށް ބޮޑު ރިފޯމެއް ގެނައުމަށް: އިކްރާމް

2011 ވަނަ އަހަރު ބޭއްވި އަދާލަތު ޕާޓީގެ 2ވަނަ ކޮންގްރެސްގައި އިކްރާމް ވާހަކަދައްކަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޖެނުއަރީ 2026، 11:34

10 ޖެނުއަރީ 2026، 11:34

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލީ ޒަމާނާ ގުޅޭގޮތަށް ޕާޓީއަށް ބޮޑު ރިފޯމެއް ގެނައުމަށްކަމަށް އެޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ޑރ. އިކްރާމް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އުފެއްދުމުގައި 2005 ވަނަ އަހަރު އިސްކޮށް ޙަރަކާތްތެރިވި އިކްރާމް ވިދާޅުވީ، އެ ޕާޓީއަށް ބޮޑެތި އިޞްލާޙުތަކެއް ގެންނަން ޖެހޭކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ.

އިކްރާމް ވިދާޅުވީ، ކުރިން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ބޮޑު ތާއީދެއް އޮތް އަދާލަތު ޕާޓީއަކީ މިހާރު ޢާންމުންގެ އިތުބާރު އަލުން ހޯދަން ޖެހިފައިވާ ޕާޓީއެއްކަމަށް ޤަބޫކުރައްވާ ކަމަށެވެ. އެހެންކަމުން، އޭނާގެ އެންމެ ބޮޑު އަމާޒަކީ އެކަން ބަދަލުކޮށް، ކުރިން ޕާޓީއަށް ލިބިފައިވާ ޤަދަރާއި ރީތިނަން އަނބުރާ އިޢާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ތެރޭގައި މަޤުބޫލު ޕާޓީއަކަށް އެ ޕާޓީ ހެދުންކަމުމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ރައީސަކަށް ކުރިމަތިލެއްވޭނީ ރަނިންމޭޓަކާ އެކުގަ އެވެ. އެގޮތުން،  
އިކްރާމްގެ ރަނިންމޭޓަކަށް ނެރުއްވާފައި ވަނީ، އަދާލަތު ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ މުޙައްމަދު މުއްޠަލިބެވެ. އޭނާއަކީ އަދުގެ ސަރުކާރުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

އިކްރާމް ޢަބްދުއްސައްތާރަކީ، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ޑިގްރީއާއި މާސްޓާސް އަދި ޕީ.އެޗް.ޑީ ފުރިހަމަ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރާރއަކަށް މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އައި.ޔޫ.އެމްގައި ޤާނޫނާއި ރިސާރޗްގެ މާއްދާތައް ކިޔަވައިދެއްވުމުގެ އިތުރުން، ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުންގެންދަވާ އިކްރާމަކީ 2005 ވަނަ އަހަރުން ފެށިގެން ޢަދާލަތު ޕާޓީ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން އައިސްފައިވާ ފަރާތެކެވެ. 2017 ވަނަ އަހަރުން ފެށިގެން ޕާޓީގެ މިސްރާބު ކަސިޔާރުވެ، އަދާލަތު ޕާޓީ އުފެއްދި އަސްލު މަޤްޞަދާއި ޚިލާފަށް ޕާޓީ ހިންގަމުންގެންދާ ކަމަށް ޤަބޫލުރެވޭތީ، ޕާޓީގެ ޙަރަކާތްތަކާއި އޭނާ ވަނީ 6 ވަރަކަށް އަހަރު ދުރުގައި ހުރެފައެވެ.

މީގެ އިތުރުން، އިކްރާމްގެ ރަނިންމޭޓަކަށް ޚިޔާރުކުރައްވާފައިވާ މުޙައްމަދު މުއްޠަލިބަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން މެރިން ރިސޯސަސް ދާއިރާއިން ޑިގްރީ ޙާސިލްކުރައްވައި، މިދާއިރާއިން ދިގުމުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވައި، ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި އޭނާއަކީ ޕާޓީގެ މަޝްވަރާ މަޖްލީހުގައި ހަރަކާތްތެރިވެފައިވާ ޕާޓީގެ ދުވަސްވީ މެމްބަރެކެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ނަން ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވިއިރު، އިކްރާމްގެ އިތުރުން އެމަޤާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިޚް މުހައްމަދު ޝިފާން އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450