ޚަބަރު
ވައި ނުސާފުވުމުގެ ސަބަބުން މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް!
މަތިންދާ ބޯޓެއް: ފޮޓޯ- އެމްއޭސީއެލް
ފަރުދުން
10 ޖެނުއަރީ 2026، 04:43
10 ޖެނުއަރީ 2026، 04:43
ވައި ނުސާފުވުމުގެ ސަބަބުން މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާ، އެގޮތަށް ޢަމަލުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްއިން ނެރެފައިވާ ބަޔާނުގައި ވަނީ، ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ލާޒިމުކުރާ ކަމެއްކަމުގައެވެ. އެގޮތުގެ މަތިން މިފަދަ ކޮންމެ ހާލަތެއް މެދުވެރިވާހިނދު މި އުސޫލަށް އަމަލުކުރަމުންދާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ރައްކާތެރިކަމުގެ ގޮތުން އެކުންފުނިން އަޅާފައިވާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުމެވެ. އެގޮތުން، ދުރުފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލުކުރެވެމުން އައިސްފައިވާ އުސޫލެއް ކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައްކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.