ޚަބަރު
ތުޅާދޫ އާއި ވިލިފުށީގައި ބިނާ ކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
ތުޅާދޫގައި ބިނާކޮށްފައިވާ ހައުސިންގ ޔުނިޓެއް
ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ މަހުގެ 24 ވަނަ ދުވަހު އާއްމުކޮށްފައިވާއިރު، ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރޯހައުސްތަކަށް އެދި ފޯމު ހުށަހަޅަންޖެހޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހެވެ. އަތޮޅުތަކުގައި ބޯހިޔާވަހިކަން ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ އެ ވުޒާރާއިން އަލަށް އެކުލަވާލާފައިވާ ގެދޮރުވެރިކަމުގެ އުސޫލުގެ ދަށުންނެވެ.
އައު އުސޫލުގައިވާ ގޮތުން މި ފްލެޓްތަކަށް އެ ރަށްރަށުގެ ރަށްވެހިންގެ އިތުރުން، އެ ރަށެއްގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ. ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭއިރު، އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮވެގެން ނުވާނެއެވެ. އަދި މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 60,000 ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.
ޕޮއިންޓް ދިނުމުގައި ބަލާނީ އާއިލާގެ ކުޑަބޮޑުމިނަށާއި ދިރިއުޅުމުގެ ހާލަތަށެވެ. މީގެ އިތުރުން ދަރިން ނުލިބޭ މީހުންނަށްވެސް ޕޮއިންޓް ދޭނެ މިންގަނޑެއް ވަނީ ކަނޑައަޅާފައެވެ. މިފަދަ ފަރާތްތަކުން ސިއްޙީ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. އަދި ރަށަށް ހިޖުރަކޮށްގެން އުޅޭ ފަރާތްތަކުން އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވަނީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ. ކޮންމެ ޔުނިޓެއްވެސް ބިނާކޮށްފައިވަނީ 2002 އަކަފޫޓުގެ ބިމެއްގައި، އިމާރާތް ކުރެވޭ އޭރިއާ 1204 އަކަފޫޓަށް ހުންނަ ގޮތަށެވެ. މި ޔުނިޓްތައް ހަވާލުކުރާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހުގައެވެ. ވިލުފުށީގައި ހުރި ރޯހައުސްތަކަކީ 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި ނަމަވެސް، މަސައްކަތް ހުއްޓުމުގެ ސަބަބުން ފަހުން އެހެން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ނިންމާފައިވާ ތަންތަނެވެ.
މިހާރު ދެ ރަށުގައިވެސް ކުރިއަށްދަނީ ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގުޅައިދިނުމުގެ މަސައްކަތްތަކެވެ. މި ޚިދުމަތްތައް ނިމުމާއެކު، ހޮވޭ ފަރާތްތަކަށް ޔުނިޓްތައް ހަވާލުކުރެވޭނެއެވެ.