ޚަބަރު
ދިއްދޫ ބިން ހިއްކަން ފެށިތާ ފަސް ދުވަސް، 21 ހެކްޓަރު ހިއްކައިފި
ދިއްދޫ ބިން ހިއްކާ ސަރަޙައްދު.
ހއ. ދިއްދޫ އެއަރޕޯޓް ތަރައްޤީކުރުމާއި ބޯހިޔާވަހިކަމުގެ އިތުރުން އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފެށިތާ ފަސް ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ.
މި މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ މުޅި މަޝްރޫއުގެ %18.75 އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 111 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. މި މަސައްކަތަށް އެ ކުންފުނިން ބޭނުންކުރަމުންދަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ހިއްކުމުގެ ޤާބިލުކަން ލިބިގެންވާ އުޅަނދެކެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ. މިފަދަ ބާރުގަދަ އުޅަނދެއް ބޭނުންކުރަމުންދާތީ، މަޝްރޫޢުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަޝްރޫއު ނިމުމުން ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ލިބުމާއެކު، ރަށުގެ އިޤްތިސާދީ އަދި އިޖުތިމާއީ ތަރައްޤީއަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.