ޚަބަރު
ސަރުކާރުގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއް ބާއްވަނީ
މާލޭގެ މަގެއްގައި މީހަކު ޓެކްސީ އަކަސް އަތް ނަގަނީ
މި ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ވޯކްއިން އިންޓަވިއުތައް ބޭއްވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މި ޚިދުމަތް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން ވަނީ މި ޚިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޑްރައިވަރުން ނެގުމުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތެއް
ސަރުކާރުން މި ޚިދުމަތް ތައާރަފު ކުރަނީ ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ބަރޯސާވެވޭނެ ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ސައްތަ އިން ސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް (އީވީ) އުޅަނދުތަކެވެ. މި އުޅަނދުތައް ހުންނާނީ ތިން ސައިޒެއްގައެވެ.
ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވާ ގޮތުގައި، މި ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފެށުމަށް ވަނީ އަމާޒު ހިފާފައެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގެންނަން ނިންމާފައިވާ އީވީ ކާރުތަކަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.
މި ޚިދުމަތަކީ 24 ގަޑިއިރު ލިބޭނެ ޚިދުމަތަކަށް ވާއިރު، ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން މަގުބޫލު އޫބާ އަދި ގްރޭބް ފަދަ ޚިދުމަތްތަކުގެ މޮޑެލްއަށް ބިނާކޮށް ފަރުމާކޮށްފައިވާ ޒަމާނީ ޚިދުމަތެކެވެ.