Ads by Stelco

ޚަބަރު

"ޚާއްޞަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ދަށުން ޗުއްޓީއަށް އެދެވޭނީ ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް އެކަނި

"ޚާއްޞަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ދަށުން ޗުއްޓީއަށް އެދެވޭނީ ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް އެކަނި

ސަރުކާރުގެ ގިިނަ މުވައްޒިފުންތަކެއް މަސައްކަތް ކުރާ ވެލާނާގެ ކައިރީގައި ސިވިލް ސާވެންޓުންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 11:58

13 ޖެނުއަރީ 2026، 11:58

ސިވިލް ސަރވިސްގެ "ޚާއްޞަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ދަށުން ޗުއްޓީއަށް އެދުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން (ސީއެސްސީ) ހާމަކޮށްފިއެވެ.

މި ޗުއްޓީއަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ޤަވާއިދަށް ގެނެވުނު ބަދަލެކެވެ.

ދައުލަތުގެ މީޑީއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ލީގަލް އެފެއާރޒު ޑިވިޛަންގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރަޝީދު ވިދާޅުވީ، މި އުސޫލުގެ ދަށުން ޗުއްޓީއަށް އެދެވޭނީ ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. އަދި މި ނޫން ފަރާތްތަކުން މި އުސޫލުން ޗުއްޓީއަށް ހުށަހެޅުމުން، ޚިދުމަތް ދިނުމުގައި ވަގުތުތަކެއް ނަގާނެތީ އެކަމަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ޢާއިލާގެ މެންބަރުންނަށްވެސް ލުއިލިބޭނެ
ކޮމިޝަނުން ވިދާޅުވީ، ޤަވާއިދަށް ގެނައި ލުޔެއްގެ ދަށުން މުވައްޒަފުގެ ޢާއިލާގެ މެންބަރަކު މިފަދަ ބޮޑު ބައްޔެއް ތަޙައްމަލު ކުރަމުންދާ ނަމަވެސް މި ޗުއްޓީ ހަމަޖައްސައިދެވޭނެ ކަމަށެވެ. ބަލި ތަޙައްމަލު ކުރަނީ މުވައްޒަފު އަމިއްލައަށް ނަމަ ފުރަތަމަ ފަހަރަށް 60 ދުވަހުގެ ޗުއްޓީއަކަށް އެދެވޭނެއެވެ. ނަމަވެސް ބަލިމީހާއަކީ ޢާއިލާގެ މެންބަރެއް ނަމަ، މުވައްޒަފަށް އެދެވޭނީ 30 ދުވަހުގެ ޗުއްޓީއަކަށެވެ.

މި ޗުއްޓީއަށް އެދި ހުށަހަޅަންޖެހެނީ ޗުއްޓީ ބޭނުންވާ ދުވަހުގެ 15 ދުވަސް ކުރިންނެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި އެއަށްވުރެ ކުރު މުއްދަތެއްގައި ހުށަހެޅި ނަމަވެސް، ޙާލަތަށް ބަލައި ވީހާވެސް އަވަހަކަށް ޗުއްޓީ ހަމަޖައްސައިދިނުމުގެ މަސައްކަތް ކޮމިޝަނުން ކޮށްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ލުއިކޮށްދިނުމުގެ ގޮތުން، ޚާއްޞަ ޙާލަތްތަކުގައި ޗުއްޓީއަށް އެދުމުގައި މިހާރު ސީދާ ކޮމިޝަނަށް ހުށަހެޅޭނެއެވެ. "މި ބަދަލާއެކު މުވައްޒަފު މަސައްކަތްކުރާ އޮފީހާއި ކޮމިޝަނާ ދެމެދު ކުރަންޖެހޭ މުޢާމަލާތްތައް މަދުވެ، ޗުއްޓީ ހަމަޖެހުމުގެ ވަގުތު ކުރުވެގެންދާނެ" ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ގެންދަވަނީ މުވައްޒަފުންނަށް ލުއިފަސޭހަ، ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންނެވެ. މިގޮތުން ގެނެވުނު މި ބަދަލަކީ ސިއްޙީ ބޮޑެތި މައްސަލަތައް ތަޙައްމަލު ކުރާ މުވައްޒަފުންނަށް ލިބިގެންދާނެ ބޮޑު ތަސައްލީއެއް ކަމަށް އެ ކޮމިޝަނުން ދެކެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450