ޚަބަރު
ދުނިޔޭގެ ފެންވަރުގެ ޝަރަފެއް: ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ކާމިޔާބުކޮށްފި
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ކާމިޔާބުކޮށްފި ފޮޓޯ: އެކްސް
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހަނދާނުގައި ދެމުން އަންނަ ބައިނަލްއަޤްވާމީ ޝަރަފުވެރި އެވޯޑެއް ކަމަށްވާ "ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް" ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން ހާސިލްކޮށްފިއެވެ.
މި އެވޯޑް އެ ސްކޫލަށް ލިބިފައިވަނީ މި މުބާރާތުގެ "ގްލޯބަލް ހައި ސްކޫލްސް، ސައުތު އޭޝިއާ" ކެޓަގަރީންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 18 ސްކޫލަކާ ވާދަކޮށް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި ކާމިޔާބީ ހޯދީ، އިއާދަކުރަނިވި ހަކަތައާއި، ފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން އެއްކޮށްލައިގެން އެ ސްކޫލުން ތައްޔާރުކުރި ތިމާވެއްޓާ ރައްޓެހި މޮޑެލްއެއްގެ ސަބަބުންނެވެ.
Congrats to Faafu Atoll Education Center for winning the Zayed Sustainability Prize Global High Schools – South Asia!
— Zayed Sustainability Prize (@ZSP_ORG) January 13, 2026
Their clean energy and water project will power the school and local hospital while cutting 120 tonnes of CO₂ annually. pic.twitter.com/0uJ6gJmgO4
މި މަޝްރޫޢުގެ ދަށުން އަވިންނާއި ވައިން ހަކަތަ އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކާށި، ބަނބުކެޔޮ އަދި ބައެއް ބާވަތްތަކުގެ ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހި ވަނީ އިންދާފައެވެ. ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ އަޙްމަދު ވިދާޅުވީ، މިއީ މީގެ ކުރިން މި އެވޯޑް ހާސިލްކުރި އައްޑޫ ހައި ސްކޫލުން ކުރިއަށްގެންދިޔަ މަޝްރޫޢުން އިންސްޕިރޭޝަން ހޯދައިގެން ފެށި މަސައްކަތެއް ކަމަށެވެ.
އަޅުގަނޑުމެންނަށް އެނގުނު އައްޑޫ ހައި ސްކޫލުން މިފަދަ މަޝްރޫޢަކުން މި އެވޯޑް ހޯދިކަން. އެ ސްކޫލަކީ މިހާރު މުޅިން ސޯލާ ހަކަތައިން ހިންގާ ތަނެއް. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އިންސްޕިރޭޝަނެއް، ޕްރިންސިޕަލް
މި މަޝްރޫޢުގެ ސަބަބުން ސްކޫލަށް އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. މިހާރު ކަރަންޓަށް މަހަކު 100،000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރާއިރު، އައު ނިޒާމުގެ ސަބަބުން އެ ޚަރަދު ސަލާމަތްވެ، އިތުރަށް އުފެދޭ ހަކަތަ ފެނަކަ ގްރިޑަށް ވިއްކައިގެން އާމްދަނީ ހޯދުމަށް ވަނީ ރޭވިފައެވެ. އަދި އަހަރަކު 120 ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުވުން މަދުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
މި އެވޯޑާއެކު އިނާމުގެ ގޮތުގައި 150,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2.3 މިލިއަން ދިވެހި ރުފިޔާ) އެ ސްކޫލަށް ލިބޭނެއެވެ. މި ފައިސާ ބޭނުންކޮށްގެން މުޅި ސްކޫލް އޭސީ ކުރުމާއި، ހޮސްޕިޓަލަށް ސާފު ހަކަތައާއި ފެން ފޯރުކޮށްދިނުމުގެ އިތުރުން ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒަކީ ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މީގެ ކުރިން ރާއްޖޭގެ އައްޑޫ ހައި ސްކޫލާއި ހިރާ ސްކޫލުންވެސް ވަނީ މި އެވޯޑް ހާސިލްކޮށްފައެވެ.