ޚަބަރު
ވާދޫ ގްރީން ފާމް ހުޅުވައިފި: އަންހެނުން ބާރުވެރިކުރުވައި އާމްދަނީ އިތުރުކުރުމަށް އާ ފުރުޞަތެއް
ވާދޫ ގްރީން ފާމް ހުޅުވުން.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އަމާޒުކޮށްގެން ތަރައްޤީކުރި "ވާދޫ ގްރީން ފާމް" ރަސްމީކޮށް ހުޅުވައިފިއެވެ.
މި ގްރީން ފާމް ރަސްމީކޮށް ހުޅުވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މަރިޔާއެވެ.
ވާދޫ ގްރީން ފާމަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓުން ގުޅިގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ. މިއީ ރަށްފުށުގެ މުޖުތަމަޢުތަކަށް ޚާއްސަކޯށްގެން ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ހޯދި ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
މި ދަނޑަކީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ، ވިޔަފާރި ފައިދާލިބޭ މިންވަރުގެ ހައިޑްރޮޕޯނިކްސް ދަނޑެކެވެ. ދަނޑުގެ ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ އެހީގައި ފެންދިނުމާއި ފިނިކުރުމުގެ ނިޒާމުތައް ހިންގާއިރު، ވާރޭފެން ނަގާ ނިޒާމުތަކާއި ތިމާވެއްޓާ ރައްޓެހި ގްރޯވިންގ އުކުޅުތައް މިތަނުގައި ބޭނުންކުރާނެއެވެ. މި ދަނޑުން މަހަކު 600 ކިލޯގެ ކިއުކަމްބާ އާއި 400 ކިލޯގެ ފަތުގެ ބާވަތްތައް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
އަންހެނުން ތަމްރީންކުރުމާއި އާމްދަނީ
މި މަޝްރޫޢުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. އެގޮތުން ދަނޑުގައި މަސައްކަތްކުރާ 18 އަންހެނަކަށް ހައިޑްރޮޕޯނިކްސްގެ ތަމްރީން ދީފައިވާއިރު، އިތުރު 25 އަންހެނުންނަށް ސޯލާ ނިޒާމުތައް ބެލެހެއްޓުމުގެ ތަމްރީން ވަނީ ދީފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ލަފާކުރާ ގޮތުގައި މި ދަނޑުން މަހަކު 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ.
ވާދޫގައި މިހާރު ޖުމްލަ 32.5 ކިލޯވޮޓްގެ ސޯލާ ހަކަތަ ޤާއިމްކުރެވިފައިވާއިރު، މީގެ ސަބަބުން ރަށުގެ ޑީސަލް ބޭނުންކުރުން 32 އިންސައްތަ މަދުކުރެވިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރަކު 20 ޓަނަށްވުރެ ގިނަ ކާބަން ޑައިއޮކްސައިޑް ބޭރުވުން ކުޑަކުރެވެއެވެ. މި ނިޒާމުތައް ހިންގުމަށް ރަށުގެ 40 އަށްވުރެ ގިނަ މީހުން ވަނީ ތަމްރީން ކޮށްފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭ، އަދި މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލާ ކުދި މުޖުތަމަޢުތަކަށް ދެއްކިދާނެ ނަމޫނާ މިސާލެއް ކަަމަށެވެ.