Ads by Stelco

ޚަބަރު

ޅެންވެރީންގެ ދުވަހުގެ ޖަލްސާ، އައްޑު އަތޮޅުގެ މަޝްހޫރު ޅެންވެރިޔާ ލަބީބަށް ޚާއްޞަކުރަނީ

ޅެންވެރީންގެ ދުވަހުގެ ޖަލްސާ، އައްޑު އަތޮޅުގެ މަޝްހޫރު ޅެންވެރިޔާ ލަބީބަށް ޚާއްޞަކުރަނީ

ޅެންވެރިޔާ ލަބީބް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖެނުއަރީ 2026، 11:03

14 ޖެނުއަރީ 2026، 11:03

މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ، އައްޑޫ ސިޓީއަށް ނިސްބަތްވާ މަޝްހޫރު ޅެންވެރިޔާ ޙަސަން ލަބީބަށް ޚާއްޞަކުރުމަށް ނިންމަވައިފިއެވެ.

 އައްޑޫ ސިޓީ ހިތަދޫ، ކެމީ، ޙަސަން ލަބީބަކީ ދިވެހި ޅެންވެރިކަމާއި އަދަބީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޙަސަން ލަބީބަކީ 1960 ވަނަ އަހަރުން ފެށިގެން ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. އުމުރުން އެންމެ 15 އަހަރުގައި ޅެން ހައްދަވަން ފެށްޓެވި ލަބީބުގެ ޅެންތަކާއި ލިޔުންތައް އެ ޒަމާނުގައި ނެރުނު "ފަތްތޫރަ" މަޖައްލާތަކުން ފެންނަން ހުރެއެވެ. އޭނާ ވަނީ މިހާތަނަށް 200 އެއްހާ ޅެންވެރިން މި ދާއިރާއަށް ނެރެދެއްވައި، ޅެންވެރިކަން އުނގަންނައިދިނުމުގައި ބޮޑު ދައުރެއް އަދާކުރައްވާފައެވެ.

ޅެންވެރިކަމުގެ ފަންނު ދިރުވައި އާލާކުރުމަށް ލަބީބު ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން "ޝާޢިރުންގެ ވާދީ" ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓަރީކޮށްގެން ޤައުމީ ފެންވަރުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭނާއަކީ "ޅެންވެރިންގެ ބަހާރު" މަންސައިގެ އެއް މުޝީރުވެސް މެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޅެންވެރިކަމުގެ ކޯސްތައް ހިންގެވުމާއި، އުރުދޫ ޅެންތައް ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަކީވެސް އޭނާ ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

ޙަސަން ލަބީބު ހައްދަވާފައިވާ ގިނަ ޅެންތަކަކީ ޤައުމީ މުނާސަބަތުތަކަށާއި، އައްޑޫގެ އެކި ސްކޫލްތަކުގެ ޚާއްޞަ ހަފްލާތަކަށް އަމާޒުކޮށްގެން ހައްދަވާފައިވާ ޅެންތަކެވެ. ޅެންވެރިކަމުގެ އެކިއެކި މުބާރާތްތަކުން ކާމިޔާބީ ހޯއްދަވާފައިވާ ލަބީބަށް ވަނީ 2021 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ޅެންވެރީންގެ ދުވަހުގެ ޖަލްސާ ލަބީބަށް ޚާއްސަކުރުމަކީ އޭނާ މި ދާއިރާއަށް ކޮށްދެއްވާފައިވާ އަދި ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450